މާލޭ މޭޔަރުކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކީ މާލޭ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުން ކަމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ޑރ. މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ މެޔަރު ކަމަށް ހޮވިވަޑައިގަންނަވާ ފަރާތެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ މާލޭ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.
އެގޮތުން ގުޅިފަޅާއި ފުށިދިއްގަރު ފަޅަކީ މާލޭ ރައްޔިތުންނަށް ގޯތި އަދި ފްލެޓް ދޭން ހާއްސަ މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ކަމެއް ދޭންޖެހޭ ކަންތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ ކޮމާޝަލް ހާބަރު ގުޅިފަޅަށް ބަދަލުކުރުމަށް އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ ތަނުގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ނިންމައިފައެވެ.
މާލޭގެ ރައްޔިތުންނަށް ހެޔޮއެދޭނަމަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތްގޮތަށް ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވައި ގުޅިފަޅަކީ ބޯހިޔާވަހިކަމަށް ހާއްސަ ތަނަކަށް ހަދަން ސަރުކާރަށް އާދޭހާއެކު ގޮވާލައްވާ ކަމަށް މީގެ ކުރިންވެސް މުއިއްޒު ވަނީ ވިދާޅުވެފައިވެއެވެ.




