އީސީގެ އަގުވައްޓާލުމަށް ސާބިތު ނުހިފޭ ވާހަކަ ނުދައްކަވާ!: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ އަގު ވައްޓާލުމަށް ސާބުތު ނުހިފޭ ވާހަކަ ނުދެއްކުމަށް އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ އެ ކޮމިޝަންގެ ކުރީގެ އިސް މެމްބަރެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވެ އެކަމާހެދި އީސީގެ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުނުމާއި ގުޅިގެންނެވެ.

"މިހާރު" ނޫހުގައި "ކުރީގެ މެންބަރެއްގެ ފުރައްސާރައާއި ހެދި އީސީގެ މުވައްޒަފަކު މަރުވާންއުޅުނު" މި ސުރުޚީގެ ދަށުން ގެނެސްދީފައިވާ ޚަބަރެއްގައި ބުނެފައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިހެން ބުނެފައި ވަނީ އީސީގެ މެމްބަރަކާ ހަވާލާދެއްވައިކަމަށެވެ.

ނަމަވެސް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި މިކަމަށް ރައްދުދެއްވައި ވިދާޅުވެފައި ވަނީ އެކޮމިޝަންގެ އަގުވައްޓާލުމަށް ސާބުތު ނުހިފޭ ވާހަކަ ނުދެއްކެވުމަށާއި، އަދި ޝަރީފް ވަނީ "މިހާރު"އަށް ވާހަކަ ދެއްކި ބޭފުޅަކު އީސީގެ ކަންކަން މިހާރު އިސްލާހު ކުރެވިފައިވާކަމަށް ހާމަ ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ޝަރީފް ވިދާޅުވެފައި ވަނީ ކޮމެޓީން އެވާހަކަ އެބޭފުޅާ ކައިރީގައި ވިދާޅުވެފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު އަކްރަމްގެ މައްޗަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުކޮށްފައިވާއިރު، އެ މައްސަލަ ވަނީ މަޖިލީހުން ބަލަންވެސް ފަށާފައެވެ. ނަމަވެސް އިއްޔެގެ އޭނާ ވަނީ މަޤާމުން އިސްތިޢުފާދެއްވާފައެވެ.

ޝަރީފް ވިދާޅުވެފައި ވަނީ އެކޮމިޝަންގައި ޖިންސީ ފުރައްސާރައިގެ މައްސަލަބަލާ ކޮމެޓީއެއް 2014 ގައި އުފައްދާފައިވާކަމަށާއި، އެ ކޮމެޓީއިން ބައެއް މައްސަލަތައް ބަލާފަވެސް އެބަހުރިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ