66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ މީހަކު ފެނުމުން ދިވެހި ދިދައިން ލިބޭ ފިނި ހިޔަލުގެ ފޮނިކަން އިހްސާސްކުރެވެން ވާނެ: މާރިޔާ

ސިފައިންގެ ކޮންމެ މީހަކު ފެނުމުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް މިނިވަން ދިވެހި ދިދަޔާ އެއްދިދައިން ލިބޭ ފިނި ހިޔަލުގެ ފޮނިކަން އިހްސާސްކުރެވެންވާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅުނު 97 ސިފައިންނާ މުޚާތަބުކުރައްވައި މި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން، ޙަޤީޤީ ސިފައިންގެ މީހާ ހަތިޔާރު ނަގަނީ އޭނާގެ ކުރިމަތީގައިވާ މީހާއަށް ކުރާ ނަފްރަތެއްގެ ސަބަބުން ނޫންކަމަށާއި، އޭނާ ހަތިޔާރު ނަގަނީ އޭނާ އެ ބިމަކަށް އަލަތު ނޭވާލި އުފަން ފަސްގަނޑާއި، އެފަސްގަނޑުގައި ދިރިއުޅޭ އޭނާގެ ލޮބުވެތި މައިންބަފައިންނާއި އާއިލާއާއި ރަޙްމަތްތެރިންނާއި އަވަށްޓެރިންނާއި ދިވެހި ލޭ ހިނގާ މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްޤުގައިކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ މާރިޔާ ވަނީ، މިދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، ދިފާޢީ މުއައްސަސާއިން ޙާސިލްކޮށްފައިވާ މުހިންމު ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.

މިގޮތުން، ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ޤައުމާ މުޚާތަބުކުރައްވައި ވިދާޅުވި ފަދައިން، މިދިޔަ 2 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ޙައްޤަކީ އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް މިޤައުމުގައި ޤާއިމުކޮށްދެވުން ކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް، ސިފައިން މަސައްކަތްކުރަމުންދާނީ، މިޞުލްޙަވެރި، އަމާން މާޙައުލު، ދަމަހައްޓައި ނަގަހައްޓައި ދިނުމަށް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ދިފާޢީ މައި ތަނބުކަމަށްވާ ދިވެހި ސިފައިންގެ ސަފުތައް މިއަދު ވަރަށް ބަދަހިކަމަށާއި، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި، އެއްވެސް ތަފާތުކުރުމެއްނެތި އަދި ރައްޔިތުންނާ ވަރަށް ގާތުން ސިފައިން މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

ޅ.މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފްގެ ދަ ބޭސިކް ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ