ދުނިޔޭގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާރޖެންޓީނާގެ އެޓޭކިން މިޑްފީލްޑަރ ޑިއޯގޯ މެރެޑޯނާ ވަނީ މި މަހުގެ 25 ގައި އުމުރުން 60 އަހަރުގައި މަރުވެފައެވެ. އަދި އޭނަގެ މަރަށްފަހު، "ސޯލްޓް ބޭ"ގެ ނަމުން މަޝްހޫރު ބޮޑުކައްކާ ނުސްރަތުއާއެކު މެރެޑޯނާ ފެނިގެންދާ ވީޑިއޯއެއް މިވަނީ އިންޓަނެޓްގައި ވައިގައި ހިފާލައިފައެވެ.
މި ވީޑިއޯގައި ފެނިގެންދަނީ މެރެޑޯނާ، ސޯލްޓްބޭގެ ރެސްޓޯރެންޓެއްގައި ހުއްޓައެވެ. އެއްގަމު މަހުގެ ބާވަތްތައް ކެއްކުމުގައި ސޯލްޓްބޭ ގެންގުޅޭ އާދަޔާޚިލާފް ގޮތްތަކަކީ ނުވަތަ ޓެކްނިކްތަކަކީ އެންމެންނަށްވެސް ވަރަށް ކަމުދާ އެއްޗެކެވެ.
އެގޮތުން މި ވީޑިއޯގައިވެސް ފެނިގެންދަނީ މެރެޑޯނާ އިއްތާލާ ހުރި މޭޒުމަތީގައި، ކައްކާފައިވާ މަހުގެ ކަށިތައް ސޯލްޓް ބޭގެ އެންމެ މޮޅު ހުނަރާއެކު މަހުން ވަކިކޮށްލާތަނެވެ.
One of the more underrated Maradona videos is him being mesmerized by Salt Bae pic.twitter.com/6iMwoCbbIO
— Glenn (@b0rn_villain) November 25, 2020
ސޯލްޓް ބޭގެ މި ހުނަރު ފެނި މެރެޑޯނާވެސް ހިތްހަމަޖެހި ވަރަށް ޝައުގުވެރިކަމާއެކު ބަލަން ހުރި މަންޒަރު މި ވީޑިއޯއިން ފެންނައިރު، އެންމެ ހާއްސަ އެއްކަމަކީ، މި މަހުގެ ލޮނު ހެޔޮވަރު ކުރުމަށް މެރެޑޯނާ ކައިރީ އެހުމެވެ.
ސޯލްޓް ބޭގެ އަތުން އަތުން ލޮނު ހެޔޮވަރުކުރުމަށް ގެންގުޅޭ އާދަޔާހިލާފް ޓެކްނިކަކީ، އޭނާއަށް ލިބިފައިވާ އެންމެ ބޮޑޫ މަޝްހޫރުކަމުގެ އަސްލެވެ. މެރެޑޯނާ ކައިރީ ލޮނު ހެޔޮވަރު ކުރުމަށް ބުނުމުން، އޭނާވެސް ޖެއްސީ ސޯލްޓް ބޭ ލޮނު ހެޔޮވަރު ކުރުމަށް ޖައްސާ ވައްތަރެވެ. އަދި ވީޑިއޯ ނިމޭއިރު، މި ދެމީހުން ބައްދާލައިގެން ހުންނަ މަންޒަރު ފެނެއެވެ.
މި ވީޑިއޯ ޓްވިޓާރގައި ޕޯސްޓުކޮށްފައިވަނީ، އާއްމު ފަރާތެއްގެ ޓްވިޓަރ އެކައުންޓުންނެވެ. އަދި ވީޑިއޯ ޕޯސްޓްކޮށްފައިވަނީ، މެރެޑޯނާ މަރުވި ދުވަހުއެވެ. އަދި މި ވީޑިއޯ ޕޯސްޓުކުރިތާ އެންމެ ދެ ދުވަސްތެރޭގައި 3.4 މިލައަން މީހުން ޓްވިޓަރއިން މި ވީޑިއޯ ބަލާފައިވެއެވެ.
ފުޓުބޯޅަ ލެޖެންޑް، މެރެޑޯނާ އުމުރުން 60 އަހަރުގައި މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.



