މަސްތުވާތަކެތިން ދުރުވާ ޒުވާނުންނަށް ޕްރޮގްރާމް ހިންގަން ކަޅައިދޫގައި މަރުކަޒެއް އަޅަނީ

މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ފުރިހަމަކުރާ ޒުވާނުންނަށް ދިރިއުޅުމުގެ ހުނަރާއި ތައުލީމާއި ތަރުބިއްޔަތުގެ ޕްރޮގްރާމްތައް ހިންގާނެ މަރުކަޒެއް ހައްދުންމަތީ ކަޅައިދޫގައި ގާއިމުކުރަން ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ލ. ގަމުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް އަންނަ އަހަރު ތެރޭގައި މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފަށާނެ ކަމަށާއި، މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އާއިލާތަކުގައި ދިރިއުޅުމުގެ ފުރުސަތު ގެއްލި މަގުމަތިވެފައިވާ ޒުވާނުން އަނބުރާ މުޖްތަމައަށް ގެނައުމަކީ މިއަދު ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމަށެވެ.

"މިއީ، އެތައް އަހަރެއްވެގެން ދިޔައިރުވެސް އަޅައިނުލެވި، ޙައްލުނުކުރެވި އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައި އޮތް އިޖުތިމާޢީ އަދި އިޤްތިޞާދީ ބޮޑު މައްސަލައެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކީ، އެ ބޭނުންކުރާ މީހުންނަށް ހަމައެކަނި އަދަބުދީގެން ޙައްލުކުރެވޭނެ ކަމެއްނޫން. އެހެންކަމުން، ސަރުކާރުން މި އަންނަނީ އެފަދަ ޒުވާނުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، ބިނާކުރަނިވި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށް، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ހާއްސަ ޕްލޭނެއްގެ ދަށުން ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް އަންނަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފެށޭނެ ކަމަށެވެ. މީގެ އިތުރުން ޖަލުގައި މަސްތުވާތަކެތީގެ ނެޓްވޯކަތައް އޮޕަރޭޓްކުރުން ހުއްޓުވުމާއި މަސްތުވާތެކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ، މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ މަރުޙަލާ ފުރިހަމަކުރާ ޒުވާނުންނަށް، ދިރިއުޅުމުގެ ހުނަރާއި، ތަޢުލީމާއި، ތަރުބިއްޔަތުގެ ޕްރޮގްރާމްތަކެއް ހިންގާނެ މަރުކަޒެއް، މި އަތޮޅު ކަޅައިދޫގައި ޤާއިމުކުރުމަށް. އެ މަރުކަޒަށް ގެންނަ ޒުވާނުންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތަކާއި ވަސީލަތްތައްވެސް އެތަނުގައި ޤާއިމުކުރެވޭނެ. ސަރުކާރުގެ ވިސްނުމަކީ، އެމަރުކަޒުގެ ޕްރޮގްރާމްތައް ފުރިހަމަކުރާ ޒުވާނުންނަށް، އިތުރު ތަޖުރިބާ ހޯދުމުގެ ފުރުޞަތުތަކާއި، އާމްދަނީ ހޯދުމުގެ އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން." އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ