މިޔަންމާގައި ރޯހިންގާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިނގުނު ގަތުލު އާމުން ސަލާމަތްވުމަށް އަވަށްޓެރި ބަންގުލަދޭޝްއަށް ހިޖުރަކުރި ރެފިއުޖީން އެމީހުންގެ ނުރުހުމުގައި ވަކި ރަށަކަށް ބަދަލުކުރަން ފަށައިފިއެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންގުލަދޭޝްގެ ނޭވީ ބޯޓެއްގައި ރޯހިންގާގެ 1،600 ރެފިއުޖީންވަނީ ބޭއޮފް ބެންގޯލްގެ ބަސަން ޗާރަށް ގެންގޮސްފައެވެ. މިރަށަކީ ދޭތެރެދޭތެރެއިން ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ ރަށެކެވެ.
ބަންގުލަދޭޝް ސަރުކާރުން ބުނެފައިވަނީ އެރަށަށް ބަދަލުކޮށްފައިވަނީ ރުހުމުގައި އެރަށަށް ބަދަލުވާން ބޭނުންވާ ރެފިއުޖީން އެކަނި ކަމަށެވެ. ނަމަވެސް ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިވާހަކަތައް ދޮގުކުރެއެވެ. މިގޮތުން މި ޖަމާއަަތްތަކުން ބުނަމުންދަނީ ރެފިއުޖީން އެރަށަށް ބަދަލުކޮށްފައިވަނީ އެމީހުންގެ ނުރުހުމުގައި ކަމަށެވެ.

ހިއުމަންރައިޓް ވޮޗް އިން ބުނީ، އެ ރަށަށް ބަދަލުވާ 12 އާއިލާއަކާއި ބައްދަލުކޮށް އެމީހުންނާ އިންޓަރވިއުކޮށްފައިވާ ކަމަށާއި މި އާއިލާތަކުން އެރަށަށް ބަދަލުވާން ބޭނުންނުވާ ކަމަށެވެ. އދ އިން ބުނީ ރެފިއުޖީން ވަކިން ރަށަކަށް ބަދަލުކުރުމާއި ގުޅޭ މާގިނަ މައުލޫމާތެއް ލިބިފައި ނުވާކަމަށާއި އަދި މިކަމުގައި ބައިވެރިވެސް ނުވާކަމަށެވެ.
މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިނގި ގަތުލުއާމުގެ ސަބަބުން އެގައުމު ދޫކޮށް ދާން މަޖުބޫރުވެ، ބަންގުލަދޭޝްގެ ކޭމްޕުތަކުގައި ދިރިއުޅެން ޖެހިފައިވާ ރޮހިންގާ ދަރިކޮޅުގެ މީހުންގެ އަދަދު ވަނީ މިހާރު އެއް މިލިއަނަށް ވުރެ އިތުރުވެފަ އެވެ. އޭގެ ތެރޭގައި އޮގަސްޓު 2017ގެ ފަހުން ދިޔަ 700،000 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.




