މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މި އަންނަނީ ތައްޔާރުވަމުން ކަމަށް ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާއި ގުޅިގެން ދެއްވި ހިޡޯބުގައެވެ.
އެގޮތުން ރައީސް ޞާލިހް ވިދާޅުވީ، ކޮވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިޤްތިޞާދީ ދެވަނަ ޞިނާޢަތުގެ ގޮތުގައި ބެލެވޭ ދިވެހި މަސްވެރިކަން ކަމަށެވެ. އަދި، ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެ ކަމަށާއި، އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް އިތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޅ.ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.
ރައީސް ވަނީ ހުރިހާ މަސްވެރިންނާއި، މަސްވެރިންގެ ޢާއިލާތަކަށާއި، މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހައި ވިޔަފާރިވެރިންނަށާއި، ކުންފުނިތަކަށް މަސްވެރިންގެ ދުވަހުގެ ތަހްނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާފައެވެ.




