ފޮޓޯ: ސޯޝަލް މީޑީއާ

ކަރަންޓީނު ކުރުމުގައި ދައުލަތުން، ދިވެހިންނާއި ފަތުރުވެރިން ތަފާތެއްނުކުރޭ - ރައީސް

ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް، ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީނާއި އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ މެދުގައި، ދައުލަތުގެ ފަރާތުން ޢަމަލުކުރަމުން ދަނީ ތަފާތުކުރުމެއް ނެތިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރުގެ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވާ ޚިޠާބުގައި، ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެބައްޔާ ދެކޮޅަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ.

ރައީސް މިހެން ވިދާޅުވެފައިމިވަނީ ކަރަންޓިނުކުރުމުގައި ރާއްޖޭގައި ގެންގުޅޭ ސިޔާސަތަކީ ހަމަހަމަ ސިޔާސަތެއް ނޫންކަމަށާއި ފަތުރުވެރިންނާއި ދިވެހިންނާއި ދެމެދު ކަރަންޓިނުވުމުގައި ތަފާތުކުރުންތައް ގެންގުޅެކަމަށްބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ބޮޑެތިފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސްގެ ޙިތާބުގައި ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޯވިޑް-19އާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނަ މިދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށް ރޭވުންތައް ރާވައި ތަންފީޒުކުރާއިރު، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިންސާނީ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޡާބު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެންވެސް ތިބީ، އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައިކަމަށާއި، ކޯވިޑްގެ ސަބަބުން ޢާއިލާތަކަށާއި މުޖްތަމަޢަށް ކުރިމަތިވެފައިވާ، ޞިއްޙީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި، އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާކަމުގައެވެ. އަދި، މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި، ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޯވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ނުވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ