ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 31 ޕަސެންޓް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންދެވިފައިވާކަމަށާއި އަދި ބްލޮކްތައް މިއަދު އަންލޯޑު ކުރެވިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 7،280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2825 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.




