66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް

ގައުމުތަކުގެ އެހީ ލިބިއްޖެނަމަ 2030 ވަނަ އަހަރު ރާއްޖެއަށް "ނެޓް ޒީރޯ" ހާސިލްވާނެ - ރައީސް

ބޭރު ގައުމުތަކުގެ އެހީ ލިބިއްޖެނަމަ ގާތްގަނޑަކަށް 2030 ވަނަ އަހަރު ރާއްޖެއަށް "ނެޓް ޒީރޯ" އާއިހަމައަށް ވާސިލްވެވިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޕެރިސް އެއްބަސްވުމަށް ފަސް އަހަރުފުރުން ފާހަގަކުރުމަށް އ.ދ އިން އޮންލައިންކޮށް ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެފަދަ އަމާޒަކާހަމައަށް ވާސިލުވުމަށް ބޭރުގެ ފަރާތްތަކުން މީގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފަންނީ އަދި މާލީ އެހީތެރިކަން ބޭނުންވާނެކަމަށެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި އެކަމުން ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިލުމަށް ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމާއި ކުރިމަތިލާންޖެހިފައިވާ ގައުމެއްކަމުން އެފަދަ ކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ރާއްޖެއަށް މަޖުބޫރުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބަޔަށް ދައްކުރެވޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެއީ ރަނގަޅު ފެށުމެއްކަމުގައި ދެކިގެން ކުރިއަށް އޮތް މުސްތަގުބަލުގައި މިހާރަށްވުރެ ފުރިހަމަ ތަސައްވަރަކާއިއެކު މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ރާއްޖެއިން ކުރެވެންހުރި މަސައްކަތްތައް ކުރަމުގެންދާނެކަން ހާމަކުރައްވައި އެހެން ޤައުމުތަކުންވެސް މިކަމުގައި އެ ޤައުމުތަކުން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ހުރިހާ ޤައުމަތައް ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ދުނިޔެ ހޫނުވަމުންދާ މިންވަރު މައްޗަށް ނުގޮސް ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ނުހިފެހެއްޓޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަމިޓަކީ މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން، ޤައުމުތަކުން ނިންމަވާފައިވާ މުހިންމު ނިންމެވުންތަކާއި އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މުސްތަޤްބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ޙިއްޞާކުރުމަށް ފުރުޞަތުފަހިވެގެންދާނެ ސަމިޓެކެވެ. އަދި މި ސަމިޓަކީ އިނގިރޭސިވާލާތާއި، ފްރާންސް އަދި އ.ދ. އިން އިސްނަގައިގެން ޗިލީ އަދި އިޓަލީގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ސަމިޓެކެވެ. މި ސަމިޓް މަގުފައިވެގެންދާނީ ޔޫ.އެން ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އިން 2021 ވަނަ އަހަރުގެ ނޮވެންބަރު 1-12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދި ކޮންފަރެންސް އޮފް ދަ ޕަރޓީސް (ސީ.އޯ.ޕީ) ގެ 26 ވަނަ ސެޝަނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ