ބީއޭއެމް މިކްސްޑް ޓީމް ޗެމްޕިއަންޝިޕް: އަޖުފާން އެކަޑެމީގެ މެއިން ސްޕޮންސަރަކަށް "ފެށުން"

ބެޓްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) މިކްސްޑް ޓީމް ޗެމްޕިއަންޝިޕްގައި ވާދަކުރާ އަޖުފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އޭއައިބީއޭ)ގެ މެއިން ސްޕޮންސަރަކަށް "ފެށުން" ހަމަޖައްސައިފިއެވެ.

މުބާރާތުގެ ޖާޒީ ޙަވާލުކުރުމާއި އެއްބަސްވުމުގައި ސޮއިކުރުން 20 ޑިސެމްބަރު 2020 ވީ އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ފެށުމުގެ ފަރާތުން މިޙަފްލާގައި ބައިވެރިވެފައިވަނީ ފެށުން މީޑިއާގެ ޕަބްލިކް ރިލޭޝަން ޑިރެކްޓަރު މޫޝަން މުބާރިކެވެ. އަދި އަޖުފާން އެކެޑެމީގެ ފަރާތުން ބައިވެރިވެފައިވަނީ އެކެޑަމީގެ ފައުންޑަރ އަދި ރައީސް އަޖުފާން ރަޝީދެވެ.

ކޮވިޑް-19 އާއި ގުޅިގެން މުބާރާތްތައް ކެންސަލްކޮށް އަދި ބައެއް މުބާރާތްތައް ފަސްކޮށްފައިވާއިރު، އެކުވެނި ބެޑްމިންޓަން ހޯލްގައި މިމަހުގެ 22 ން 29 އަށް ކުރިއަށްދާ މިމުބާރާތަކީ 2020 ވަނަ އަހަރު ބޭއްވޭ މިފަދަ ފުރަތަމަ މުބާރާތެވެ.

އެހެންކަމުން މާދަމާ ފަށާ މިމުބާރާތަކީ މުބާރާތެއްގެ އިންތިޒާރުގައި ހުރި އެތަށް ކުޅުންތެރިންގެ މޫނުތަކަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނެ މުބާރާތެކެވެ.

އެގޮތުން މިމުބާރާތުގައި ވާދަކުރާ އަޖުފާން އިންޓަރނޭޝަނަލް އެކެޑަމީއިންވެސްވަނީ މިމުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން މިއެކެޑަމީގެ ފައުންޑަރ އަދި ރައީސް އަޖުފާން ރަޝީދު ފެށުމަށް ވިދާޅުވީ، މިއީ ޓީމެއްގެ ގޮތުގައި މިއެކެޑަމީން ކުރިމަތިލާ ފުރަތަމަ މުބާރާތްކަމަށާއި، އުންމީދަކީ ރަނގަޅު ކާމިޔާބީއާއެކު މިމުބާރާތް ނިންމާލުން ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށާއި އުންމީދަކީ މިއެކެޑަމީގެ އެހީއާކު ރާއްޖޭގެ ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިންނަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ފުރުޞަތު ހުޅުވިގެން ދިއުންކަމަށްވެސް އަޖްފާން ވިދާޅުވިއެވެ.

ޖުމްލަ 8 ޓީމުން ބައިވެރިވާ މިމުބާރާތުގައި އަޖުފާން އެކެޑެމީގެ ހުނަރުވެރި 12 ކުޅުންތެރިޔަކު ފެނިގެންދާނެއެވެ.

މީގެއިތުރުން މިމުބާރާތަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަން ފާހަގަކޮށް އަޖުފާންވަނީ މެއިން ސްޕޮންސަރ "ފެށުން މީޑީއާ ޕްރައިވެޓް ލިމިޓެޑް" އަށް ޝުކުރުއަދާކޮށްފައެވެ.

އަޖުފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އޭއައިބީއޭ) އުފެދިފައިވަނީ 2020 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ