އދ. ދިގުރަށުން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދިގުރަށު ކައުންސިލްގެ ނައިބުރައީސް ޢިމްރާން އާދަމް ފެށުމަށް ވިދާޅުވީ އެފަތުރުވެރިޔާ ޕޮޒިޓިވްވެފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށާއި، އޭނާ ޕޮޒިޓިވްވެފައިވަނީ ދެވަރަކަށް ދުވަހު އެރަށުގައި ހުރުމަށްފަހު ރަށުން ފުރަމުން ހެދި ޓެސްޓުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢިމްރާން ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވާ ފަތުރުވެރިޔަކީ ރިސޯޓަކުން އެރަށަށް ދިޔަ ދެމަފިރިންގެ ތެރެއިން އެކަކުކަމަށެވެ.
އަދި މިކޭސްއާއި ގުޅިގެން ހަދަންޖެހޭ ކޮންޓެކްޓް ޓްރޭސިންގ މިހާރު ހަދާފައިވާކަމަށާއި، ކޮންޓެކްޓްގެ ގޮތުގައި އެހާ ގިނަބަޔަކު ފާހަގަވެފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢިމްރާން ވިދާޅުވީ، ގެސްޓްހައުސްތަކާއި ކައުންސިލާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެރަށުގައި އެޗްޕީއޭގެ ގައިޑްލައިންގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ގެސްޓް ހައުސްތަކުގައި ވަޒީފާ އަދާކުރާ އެއްވެސް ސްޓާފެއް ގެއަށް ނުދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި މިއީ ދިގުރަށުން ފެނުނު ކޮވިޑް-19 ގެ ފުރަތަމަ ކޭސްކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.




