މިއީ ފުރަތަމަ މުބާރާތް، ދެއްކި ކުޅުމާމެދު މާބޮޑަށްވެސް ހިތްހަމަޖެހޭ: މެނޭޖަރު ތޮލްޙަތު

ކުޅުނު ފުރަތަމަ މުބާރާތާއި ބަލާފައި އަޖްފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑެމީ (އައިބާ) އިން ދެއްކި ކުޅުމާމެދު މާބޮޑަށްވެސް ހިތްހަމަޖެހޭކަމަށް މެނޭޖަރު ތޮލްޙަތު ވިދާޅުވެއްޖެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ މިކްސްޑް ޓީމް ޗެންޕިއަންޝިޕް 2020 މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް އަޖުފާން އެކަޑެމީން ދަތުރުކޮށްފައިވާއިރު ސެމީން ބަލިވީ ފުރަތަމަ ޑިވިޝަން ޗެމްޕިއަން ރިވައިވަލް ސްޕޯޓްސްއާ ބައްދަލުކޮށްގެން 4-1 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ މެންސް ޑަބަލްސްގައި އަޖުފާންއާއި ނިޔާގެ ޕެއާރގެ މައްޗަށް ރިވައިވަލް ސްޕޯޓްސްގެ ޒަޔާންއާއި ވަސީމްގެ ޕެއާރއިން ކުރި ހޯދީ 13-15 އަދި 09-15 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެންސް ޑަބަލްގައި އަޖުފާން އެކަޑެމީގެ ނިޔާޒު އަދި ސަތުޝަންގެ ޕެއާރއިން ރިވައިވަލް ސްޕޯޓްސްގެ ޒަޔާންއާއި އާދަމްގެ ޕެއާރއާއި ބައްދަލުކޮށްފައިވާއިރު، އެގޭމްވެސް ސީދާ ސެޓުން ރިވައިވަލް ސްޕޯޓްސްއިންވަނީ ކާމިޔާބުކޮށްފައެވެ. އެއީ 10-15 އަދި 09-15 އަކުންނެވެ.

ފުރަތަމަ ވިމަންސް ޑަބަލްސް ރިވައިވަލް ސްޕޯޓްސްގެ ނަބާހާއާއި ޝިޔާނާގެ ޕެއާރއިން ކާމިޔާބުކޮށްފައިވަނީ އަޖުފާން އެކަޑެމީގެ އަފްނާން އަދި ބްރިލޭގެ ޕެއާރއާއި ވާދަކޮށް 15-08 އަދި 15-10 ކުންނެވެ. އަދި ދެވަނަ ވިމަންސް ޑަބަލްސް ގޭމްގައި އަޖުފާން އެކަޑެމީގެ މާޝާއައި ހަޝްމާގެ ޕެއާރ ބަލިވެފައިވަނީ ރިވައިވަލް ސްޕޯޓްސްގެ ނަބީހާއާއި ޝިޔާނާގެ ޕެއާރއާއި ވާދަކޮށެވެ. އެއީ 05-15 އަދި 10-15 އަކުންނެވެ.

މެޗުގައި އަޖުފާން އެކަޑަމީން ކާމިޔާބުކުރެވިފައިވަނީ މިކްސްޑް ޑަބަލްސް ގޭމްސްއެވެ. އަޖުފާން އެކަޑަމީގެ ކެޕްޓަން އަޖުފާނާއި ބްރިލޭގެ ޕެއާރއާއި ރިވައިވަލް ސްޕޯޓްސްގެ ރަޝިހޫއާއި ނަބާހާގެ ޕެއާރ ވާދަކުރި މިގޭމްގެ ފުރަތަމަ 15-14 އިން އަޖުފާން އެކަޑެމީން ކާމިޔާބުކުރިނަމަވެސް ދެވަނަ ސެޓު ރިވައިވަލް ސްޕޯޓްސްއިން ކާމިޔާބުކުރީ 08-15 ކުންނެވެ. އަދި ތިންވަނަ ސެޓު 11-08 ގެ ނަތީޖާއަކުން ކެޕްޓަން އަޖުފާނާއި ބްރިލޭގެ ޕެއާރއިން ކާމިޔާބުކޮށް އަޖުފާން އެކަޑެމީއަންވަނީ ޕޮއިންޓެއް ހޯދައިދީފައެވެ.

މެޗަށްފަހު އަޖުފާން އެކަޑެމީގެ މެނޭޖަރު ފެށުމަށް ވިދާޅުވީ، މިއީ އެކަޑެމީން ވާދަކުރާ ފުރަތަމަ މުބާރާތްކަމަށާއި، ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާމެދު މާބޮޑަށްވެސް ހިތްހަމަޖެހޭކަމަށެވެ. އަދި އުމުރުގެ ގޮތުން އެކަޑެމީ ކިތަންމެ ޅަ ނަމަވެސް، މިކުޅިވަރުގައި ހުނަރުގެ ގޮތުން އެތަށް ގުނައެއްވަރުގަދަ ޓީމުތަކައި ވާދަކޮށް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވުމުން އެކަޑެމީގެ މުސްތަޤްބަލް އޮތީ އުޖާލާކޮށްކަން ހާމަވާކަމަށްވެސް ތޮލްޙަތު ވިދާޅުވިއެވެ. އިތުރަށް ތޮލްޙަތު ވިދާޅުވީ، މިއީ ފެށުމެއްކަމަށާއި، ހުއްޓުމެއް ނެތި އަޖުފާން އެކަޑެމީ ކުރިއަށްދާނެކަމަށެވެ. އަދި މުސްތަޤްބަލްގައި އަޖުފާން އެކަޑަމީން މުބާރާތްތައް ކާމިޔާބުކުރާނެކަމާމެދު ޝައްކެއްވެސް ނުކުރައްވާކަމަށް މެނޭޖަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ