އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ފަތުރަމުންދާ 50 އެއްހާ މީހުން އެބަތިބި ކަމަށް އޮންލައިން ނޫސް ވަގުތުން ބުނެފިއެވެ.
ވަގުތު ނޫހުން މިރޭ މިހެން ބުނެފައިވަނީ އެ ނޫހުގެ "ވަގުތު 26 ތަހުގީގު" ޓީމުން އައްޑޫގައި ކުރިއަށް ގެންދިޔަ ތަހުގީގު ތަކަކަށް ފަހުގައި ކަމަށެވެ.
އެ ނޫހުން އިތުރަށް ބުނެފައިވަނީ، މީހުންނާ ސުވާލުކޮށްގެންނާއި ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތަކަށް ފާރަވެރިވެގެން ހޯދާފައިވާ ގޮތުގައި އައްޑޫ ސިޓީގައި މި ވަގުތު "އެކްޓިވް" ކޮށް ހަރަކާތްތެރިވާ ހަރުކަށި ފިކުރު ފަތުރަން ތިބި 50 އެއްހާ މީހުނަކީ ފިރިހެނުންނެވެ. އެއިން ގިނަ ބަޔަކު ނިސްބަތް ވަނީ ހިތަދޫއަށެވެ. ހިތަދޫގައި ގާތްގަނޑަކަށް 30 މީހުން ތިބެއެވެ. ހިތަދޫއާ ގުޅިފައިވާ މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގައި ވެސް 20 މީހުން އެބަ ތިއްބެވެ.
އައްޑޫގައި ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކޮށްފައި ވަނީ މާލެއިން އެކަމަށް ޚާއްސަ ކުރެވިގެން އައްޑޫއަށް ދަތުރު ކުރި ޓީމަކުން ކަންވެސް ވަގުތަށް އިނގިފައިވާ ކަމަށާއި މި ޓީމުން ވަނީ އައްޑޫގައި އުޅޭ މިކަމުގެ އިސް މީހުންނާއި ބައްދަލުކޮށް މި ފިކުރު އިތުރަށް ފަތުރައި މީހުން އިތުރު ކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ރޭވުންތައް ރާވާފައި ކަމަށްވެސް އެނޫހުން ބުނެފައި ވެއެވެ.
ޓެރަރިސްޓު ޖަމާއަތްތަކަށް ބައިއަތު ހިފައި މީހުން މަރާލަން ފަސްނުޖެހޭ 1400 މީހަކު ރާއްޖޭގައި އެބައުޅޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ. ހަރުކަށި މީހުން ހޯދައިގަން އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ މިހާރުވެސް އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ.



