ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލުގައި ހިންގަމުން އައި ކެންޓީން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފިއެވެ.
އެޗްޕީއޭ އިން ވަނީ ކެންޓީން ބަންދުކޮށް އެތަނުގައި ނޯޓިސް ހަރުކޮށްފައެވެ. މި ނޯޓިންގައި ބުނެފައި ވަނީ އެތަން ބަންދު ކޮށްފައި ވަނީ ކާބޯތަކެޓިގެ ޒަރީއާއިން ކުރިމަތިވެދާނެ ޞިއްޙީ ނުރައްކަލަކުން އެތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރި ކުރުމަށް ޢަމަލު ކުރަމުންދާ "ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދު" އާއި ޚިލާފުވުމުން ކަމަށެވެ.
އައިޖީއެމްއެޗްގައި ހިންގަމުން އައި ކެންޓީން ބަންދު ކޮށްފައި ވަނީ މިއަދުއެވެ.
އެޗްޕީއޭއިން ހަރުކޮށްފައިވާ ނޯޓިންގައި އިތުރަށް ބުނެފައި ވަނީ އެ ނޯޓިސް ހަރުކޮށްފައިވާ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ މަނާކަމެއްކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައިވާ ގޮތުން އެ ނޯޓިސް ނެއްޓުމާއި ހަލާކު ކުރުމާއި ނުފެންނަ ގޮތަށް ނިވާކުރުމަކީ މަނާ ކަމެކެވެ.




