މިދިޔަ އަހަރަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަ ކޮށްލެވިގެންދާނެ ހިތާމަވެރި އަހަރެކެވެ. މިގޮތުން މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެތައް މިލިއަން މީހުންނެއްވަނީ މަރުވެގެންގޮސްފައެވެ. އަދި މިކަމުގެ ސަބަބުން މުޅި ދުނިޔެ އޮޓި ހުއްޓުމަކަށް އައިސްފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މިހެންނަމަވެސް މިދިޔަ އަހަރު ފާހަގަ ކޮށްލެވެނީ އޭގެ ކުރީއަހަރު އާދެ، 2019 ވަނަ އަހަރަށްވުރެ މަތިންދާބޯޓުތަކުގެ އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު ގިނަ އަހަރެއްގެ ގޮތުގައެވެ. ގިނަ އެއާލައިންތަކުން އެ އެއާލައިންތަކުގެ ދަތުރުތައް މުޅިން އެކީހެން ހުއްޓާލައިފައި އޮތްއިރުވެސް މެއެވެ.
ޑަޗް އޭވިއޭޝަން ކޮންސަލްޓީ ޓު70 އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 2020 ވަނަ އަހަރު މަތިންދާބޯޓު އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދަކީ 299 އެވެ. އަދި 2019 ވަނަ އަހަރު މިއަދަދު އުޅެނީ 257 އެވެ.
ޓު70 އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، 2020 ވަނަ އަހަރު މަތިންދާބޯޓު އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު ގުނުމުގައި އެންމެހާ އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު ހިމަނައިފައިވާނޭ ކަމަށެވެ. މިގޮތުން ޖެނުއަރީމަހު އީރާނުން ހަމަލާދީ ވައްޓާލި ޔޫކްރެއިން އިންޓަރނޭޝަނަލްގެ އެއާލައިންގެ ބޯޓުން މަރުވި މީހުންގެ އަދަދުވެސް ހިމަނާފައި ވާނޭކަމަށެވެ.
މީގެއިތުރުން މެއިމަހު ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިންގެ މަތިންދާ ބޯޓު ކަރާޗީއަށް ވެއްޓި މަރުވި 98 މީހުންވެސް ޓު70 އިންވަނީ އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދުގައި ހިމަނައިފައެވެ. ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިންގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ "ހިއުމަން އެރަރ" އެއްގެ ސަބަބުންނެވެ.
2019 ވަނަ އަހަރާއި އަޅާ ބަލާއިރު 2020 ވަނަ އަހަރު މަތިންދާބޯޓު އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު އިތުރު ނަމަވެސް އެކްސިޑެންޓް ހިނގި އަދަދު 2020 ވަނަ އަހަރު މަދެވެ. 2019 ވަނަ އަހަރު މަތިންދާބޯޓުގެ 86 އެކްސިޑެންޓް ހިނގައިފައިވާއިރު 2020 ވަނަ އަހަރު ހިނގައިފައިވަނީ 40 އެކްސިޑެންޓެވެ.



