އަދާލަތު ޕާޓީގެ ރައީސްކަމަށްވެސް އަންހެނަކަށް ވާދަކުރެވެން ޖެހޭ ކަމަށް، އަދާލަތު ޕާޓީގެ ރައީސްކަމަށް އަންހެނަކަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުމަށް އިޝާރާތް ކުރައްވައި އެ ޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވެފައިވަނި އޮންލައިން ނޫސް ވަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝިދާތާ އިތުރަށް ވިދާޅުވީ އެކަމަނާއަކީވެސް ސިޔާސީ ބޭފުޅެއް ކަމަށާއި އެހެންކަމުން ސިޔާސީ ގޮތުން ކުރިއަށް ދާން ކޮށަން ޖެހުނު ކޮންމެ މަގެއްވެސް ކޮށާނަން ކަމަށެވެ.
"އަޅުގަނޑަކީ ސިޔާސީ މީހެއް. އެހެންކަމުން ސިޔާސީ ގޮތުން ކުރިއަށް ދާން ކޮށަން ޖެހުނު ކޮންމެ މަގެއްވެސް ކޮށާނަން،" ޝިދާތާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އަސާސީ ގަވައިދުގައި މިހާރު އޮންނަ ގޮތުން އެ ޕާޓީގެ ރައީސަކަށްވެސް އަދި ނައިބު ރައީސަކަށްވެސް އަންހެނަކަށް ކުރިމައްޗެއް ނުލެވެއެވެ. ނަމަވެސް އެ ޕާޓީގެ ދުސްތޫރަށް ބަދަލު ގެންނަން އުޅޭ ކަމުގެ އަޑުތައް މިހާރުވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
އަދާލަތު ޕާޓީގެ ތިންވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން މިމަހުގެ 23 ވަނަދުވަހު ޕާޓީގެ ރިޔާސީ އިންތިހާބު ބޭއްވުމަށް އެޕާޓީން މިހާރުވަނީ ނިންމައިފައެވެ.
އަދާލަތު ޕާޓީ އިން ބުނީ ޕާޓީގެ ރައީސާއި ނާއިބު ރައީސަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން މިމަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެކަމަށް ބޭނުންވާ ލިޔުންތައް ހުށައަޅަންޖެހޭކަމަށެވެ.




