ރައީސް ޞާލިހް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަރަށް ފަހުން ކުރެއްވި އަމިއްލަފުޅު ދަތުރުފުޅުގައި ކޮވިޑް 19 ވެކްސިން ޖައްސަވަން ފުރުސަތު ލިބިވަޑައިގަތުމުން އެ ފުރުސަތު ދޫކޮށްލަވައިފިއެވެ.
އެގޮތުން ޔޫއޭއީގެ ރައީސް ވަނީ ރައީސް ޞާލިހް އަށް ކޮވިޑް ވެކްސިން ޖެއްސެވުމަށް ފުރުސަތު ދެއްވާފައެވެ. އެހެންނަމަވެސް ރައީސް ވަނީ ވެކްސިން ޖެހުމަށް ބޭނުންފުޅުނުވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖެ އެމްވީގައި ބުނެފައިވަނީ ޔޫއޭ.އީން ވެކްސިން ޖެއްސެވުމަށް ރައީސް ޞާލިހް ބޭނުންފުޅު ނުވީ ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ނުލިބެނީސް އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ބޭނުންފުޅު ނުވާތީއެވެ.
ޖެނުއަރީ މަހުގެ 03 އިން 05 އަށް ރައީސް ސޯލިހް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަލީއަޙުދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ރަސްމީ ގެކޮޅުގައި ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ވަނީ ރަސްމީ ބައްދަލުވުމެއް ބާއްވަވާފައެވެ.



