ހައިކޯޓްގެ ހުކުމަށް ހިތްހަމަނުޖެހިގެން އިދިކޮޅުން މަގުމައްޗަށް

މަނީލޯންޑާ ކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އަދި ރައީސް ޔާމީންގެ ސަޕޯޓަރުން ހިތްހަމަނުޖެހިގެން މަގުމައްޗަށް ނިކުމެފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވާ މި ހިނގާލުމުގެ ބައިވެރިން ދަނީ އިންސާފުވެރި ޝަރީއަތެއް ބޭނުންވާ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައިގައެވެ.

އިދިކޮޅުގެ ސަޕޯޓަރުން ވަނީ ހައިކޯޓްގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތުވެސް އެ ސަރަހައްދަށް އެއްވެފައެވެ. ހަ ގަޑިއިރަށް ދެމި ގެންދިޔަ ހުކުމް އިއްވުމުގެ މަޖިލިސް ނިމެންދެން އިދިކޮޅުގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި ސުލްހަވެރި އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ