ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގައި ފެންބޮޑުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ، ރޭ ދަންވަރުން ފެށިގެން ހެނދުނުގެ ވަގުތުތަކާ ހަމައަށް އައްޑޫ ސިޓީގެ އެކި ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑު ވެފައިވާކަމަށެވެ.

މެޓް އޮފީހުން މިއަދު ވަނީ މޫސުން ގޮސްވެ ރާއްޖޭގެ ދެކުނަށް ވައިތް އެލާޓް ވެސް ނެރެފައެވެ.

ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން އެ ސަރަހައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށްވެސް މެޓްއޮފީހުން ވިދާޅުވިއެވެ.

"އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ." މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ