ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް ސަސްޕެންޑްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މުހައްމަދު ހަލީމް ސަސްޕެންޑްކޮށްފައި ވަނީ މަޖިލީހުން ބަދަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް ބަލައި ނުނިމޭ މައްސަލައެއް ކަމުން މިވަގުތު އެއާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.
ޒިޔާއު ވިދާޅުވީ، އޭނާ ސަަސްޕެންޑްކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށާއި، އޭނާ ސަސްޕެންޑްކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި ސަސްޕެންޝަންއާ މެދު ގޮތެއް ނިންމާނީ މައްސަލަ ބަލާ ނިމުމުން ކަމަށް ވެސް މަޖިލީހުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މުހައްމަދު ހަލީމް ފުރަތަމަ އައްޔަންކުރެއްވީ 31 އޮކްޓޫބަރު 2013ގައެވެ. އޭގެ ކުރިން އޭނާވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.




