މާވެލް ގެ ކުރިއަށް ހުރި “ފޭސް 4” ފިލްމްތަކުގެ ތެރެއިން “ތޯ” ގެ ކުރިއަށް އޮތް ފިލްމް “ލަވް އެންޑް ތަންޑާ” ގެ ޝޫޓިން އޮސްޓްރޭލިއާގައި ފަށައިފިއެވެ.
މި ފިލްމްގެ ޝޫޓިންއަށް ތޯ އޮސްޓްރޭލިއާއަށް އައުމާއެކު އޭނާއަށްވަނީ ވަރަށް ހާއްސަ މަރުހަބާއެއްވެސް ކިޔައިފައެވެ. މި މަންޒަރުތައް އޭނާ ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
މާވެލްގެ ގިނަ ފޭނުން އިންތިޒާރުކުރަމުން އަންނަ މި ފިލްމްގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި ފެށުމަށް ތާވަލަކޮށްފައިވީނަމަވެސް، ކޮވިޑް-19 ގެ ޕެންޑެމިކްއާއި ގުޅިގެން މި ފިލްމްގެ މަސައްކަތްވެސް އޮތީ ހުއްޓިފައެވެ. މިއަހަރުގެ ޖަނަވަރީ މަހު ފިލްމްގެ ޝޫޓިން އޭޏާ ފަށާނެކަމަށް ކްރިސް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ހާމަކޮށްފައެވެ.
"ތޯ"ގެ ސިލްސިލާ ފިލްމްތަކުގެ ތެރެއިން "ލަވް އެންޑް ތަންޑާ" އަކީ ކްރިސް ކުޅޭ މި ސިލްސިލާގެ 4 ވަނަ ފިލްމެވެ. އަދި މުޅިއަކު މާވެލްގެ ފިލްމްތަކުގެ ތެރެއިން މިއީ އޭނާ ކުޅޭ 8 ވަނަ ފިލްމެވެ.
“ޓެއިކާ ވައިޓިޓި” ޑައިރެކްޓް ކުރާ މި ފިލްމް އިން ކްރިސް ހެމްސްވޮތް ފެނިގެންދާއިރު ނެޓަލީ ޕޯޓްމަން މި ފިލްމްއިން އަނެއްކާވެސް އެނބުރި އަންނާނެއެވެ. ނެޓަލީ ޕޯޓްމަން މިފަހަރު ފެނިގެންދާނީ “ތޯ”ގެ އަންހެން ސުޕަހީރޯ އެއް ގޮތަށެވެ. މީގެ އިތުރުން "ވެލެކަރީ" ގެ ރޯލު އަދާކުރި އެކްޓްރެސް ޓެސާ ތޮމްޕްސަންވެސް މި ފިލްމުން ފެނިގެންދާނެއެވެ.



