އިންޑިޔާގެ ވެރިރަށް ދިއްލީ އާއި ދިއްލީއާ ކައިރި ސްޓޭޓުތަކުގައި ދަނޑުވެރިން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން ބައެއް ސަރަޙައްދުތަކުން އިންޓަނެޓުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ. އިންޓަނެޓުގެ ޚިދުމަތްވަނީ، ދިއްލީއާ ބޯޑަރު ހިއްސާކުރާ ހަރިޔާނާ ސްޓޭޓުގެ ގިނަ ސިޓީތަކުން މެދުކަނޑާލާފައެވެ.
ސްޓޭޓް ސަރުކާރާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ހޮނިހިރު ދުވަހުގެ ހަވީރުގެ ނިޔަލަށް، ހަރިޔާނާގެ 22 ޑިސްޓްރިކްޓެއްގެ ތެރެއިން 15 ޑިސްޓްރިކްޓެއްގައި މޯބައިލް އިންޓަނެޓުގެ ޚިދުމަތް ނުލިބޭނެއެވެ.
ހަރިޔާނާ އިން އިންޓަނެޓުގެ ޚިދުމަތް މެދުކަނޑާލާފައިވާއިރު، އެސްޓޭޓުގައި ކުރަމުންދާ މުޒާހަރާތައްވަނީ ކުރިމަތިލުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން، ދަނޑުވެރިންގެ ގްރޫޕުތަކާއި، ސަރުކާރާ ވާގޮވެރިވާ ގްރޫޕުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. މި ކުރިމަތިލުންތައް މައިތިރިކުރުމަށް ސަރުކާރުން ވަނީ ކަރުނަ ގޭހާއި އެނޫންވެސް ބާރުގެ ބޭނުންކޮށްފައެވެ.
މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ބުނާގޮތުގައި ސަރުކާރުން ގެންނަން މަސައްކަތް ކުރަމުންދާ އިސްލާހުގެ ސަބަބުން ދަނޑުވެރިން އުފައްދާ އުފެއްދުންތަކަށް ހަމަ އަގު ލިބުމުން މަހުރޫމުވެ، މުޅި ސިނާއަތު ބާރުގަދަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދާނެކަމުގައެވެ. މިކަމުގެ ސަބަބުން އެތައް ދަނޑުވެރިންނާއި ދަނޑުވެރި އާއިލާތަކަށް ލިބެމުންދާ އާމްދަނީ މަޑުޖެހި، އެފަރާތްތައް ހާލުގައި ޖެހޭނެއެވެ.
އެހެންނަމަވެސް، އިންޑިޔާގެ ސަރުކާރުން ބުނަމުންދަނީ ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތަށް ގެންނަން މަސައްކަތްކުރާ އިސްލާހުތަކުގެ ސަބަބުން އިތުރު ފުރުސަތުތައް ހުޅުވެން މަގުފަހިވެގެންދާނެކަމުގައެވެ. އަދި މުޒާހަރާ ކުރަމުންދާ ދަނޑުވެރިން އެދުންތަކަށް ބޯނުލަނބާނެކަމަށްވެސް ބުނެފައިވެއެވެ.
މުޒާހަރާ ކުރަމުންދާ ދަނޑުވެރިންގެ ގްރޫޕުގެ އިސް ފަރާތަކުން ބުނެފައިވަނީ އިންޑިޔާގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މެންބަރުން ދަނޑުވެރިންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާކަމަށެވެ. އަދި އެފަރާތްތަކުން މިކަންކޮށްފައިވާއިރު، އިންޑިޔާގެ މުޅި އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ދަނޑުވެރިންކަމުގައިވެސް އޭނާ ބުނެފައިވެއެވެ.




