"ރަމްސާ ވާރލްޑް ވެޓްލޭންޑް ސިޓީ"ގެ ދަރަޖަ ހޯދުމަށް އައްޑޫއިން އެންވަޔަރަންމަންޓަށް ހުށަހަޅަނީ

އައްޑޫ ސިޓީއަށް ބައިނަލްއަޤުވާމީ ކުޅި، ފާ އަދި ޗަސްބިން ހިމާޔަތް ކުރާ މުޢާހަދާގެ "ރަމްސާ ވާރލްޑް ވެޓްލޭންޑް ސިޓީ"ގެ ދަރަޖަ ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމަވައިފިއެވެ.

އެކައުންސިލުން ވިދާޅުވީ، މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާގައެވެ. އެގޮތުން އައްޑޫ ސިޓީއަށް "ރަމްސާ ވާރލްޑް ވެޓްލޭންޑް ސިޓީ"ގެ ދަރަޖަ ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ހުށަހެޅުމަށް ފާސްވެފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި މިކަމާމެދު ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، މުޅި ދިވެހިރާއްޖެއަށް ބަލާއިރުވެސް އައްޑޫ ސިޓީ އަކީ ކުޑަ އަތޮޅުތަކަށް ވެފައި، ނާޒުކު ތިމާވެއްޓެއްވެސް އޮތް އަތޮޅަކަށްވާއިރު، މި ސިޓީ އަކީ ޤުދުރަތީ ތަރިކަ ހިމާޔަތްކޮށް، ރައްކާތެރިކޮށް އޭގެ ބޭނުން ހިފާ ރައްޔިތުން ތިބި ސިޓީއެއް ކަމުގައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ވާ ކުޅިތައް ހިއްކައި، އެ ސަރަޙައްދުތަކުގައި އެކިއެކި މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، އައްޑޫ ސިޓީގައި ހިމެނޭ ޗަސްބިންތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނުގެ ތެރެއިން %90 ތަންތަނަކީ މި ސިޓީގެ ރައްޔިތުން ވަރަށް ރަނގަޅަށް ބަލަމުންދާ ސަރަޙައްދުތަކެއް ކަމުގައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން މިހާތަނަށް ރަމްސާ ކޮންވެންޝަންގައި ބައިވެރިވެފައި ނުވުމަކީ ހިތާމަހުރި ކަމެއް ކަމުގައި ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، ރާއްޖޭގެ ޗަސްބިންތައް ހިމާޔަތްކުރުމަށްޓަކައި މި ކޮންވެންޝަންގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

1971 ވަނަ އަހަރު އިރާންގެ ރަމްސާގައި ސޮއިކުރެވުނު ރަމްސާ ކޮންވެންޝަނަކީ މުޅި ދުނިޔޭގައިވެސް ޗަސްބިންތައް ހިމާޔަތް ކުރުމަށް ޚާއްޞަވެފައިވާ ހަމައެކަނި މުއާހަދާއެވެ. ދިވެހިރާއްޖޭގެ އަވަށްޓެރި ޤައުމުތަކަށް ބަލާއިރު، ސްރީ ލަންކާގެ ކޮޅަނބަށް ވަނީ 2018 ވަނަ އަހަރު "ރަމްސާ ވާރލްޑް ވެޓްލޭންޑް ސިޓީ"ގެ ލަޤަބު ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ