އަންގ ސަން ސޫކީގެ މައްޗަށް މިޔަންމާގެ ފުލުހުންގެ ދައުވާ އުފުލައިފިއެވެ. ސޫކީގެ މައްޗަށް ފުލުހުން އުފުލާފައިވާ ދައުވާއަކީ ޤަވާއިދާ ޚިލާފަށް މުވާސަލާތީ ވަސީލަތްތަކެއް އެތެރެކުރުމުގެ ދައުވާއެވެ. އެޤައުމުގެ ފުލުހުން ނެރެފައުވާ ލިޔުމެއްގައިވާގޮތުން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ސޫކީ ބަންދުކޮށްފައިވާ ބެހެއްޓުމަށްވަނީ ނިންމާފައެވެ.
މިޔަންމާގެ ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާގޮތުން ސޫކީ ދިރިއުޅެމުންދާ ގެ ބަލާ ފާސްކުރިއިރު، ޤަވާއިދާ ހިލާފަށް އެޤައުމަށް އެތެރެކޮށްފައިވާ ވޯކީޓޯކީތަކެއް ވަނީ ފެނިފައެވެ. އަދި އެތަކެތި ޤަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އިމްޕޯޓް-އެކްސްޕޯޓް ޤާނޫނުގެ ދަށުން ސޫކީއަށް ދައުވާ އުފުލާފައިވާއިރު އެޤައުމުގެ މި ޤާނޫނަކީ ވަރަށް ތާކުންތާކު ނުޖެހޭ ޤާނޫނެއްކަމަށް ހުޅަނގުން ބުނެއެވެ. ހުޅަނގުގެ ތަޖުރިބާކާރުން ބުނާގޮތުގައި މީގެކުރިންވެސް އެޤައުމުގައި އަސްކަރީ ވެރިކަން ހިންގިއިރު މި ޤާނޫނު ބޭނުންކޮށްގެން އެތައް ސިޔާސީ ފަރާތްތަކަކަށް އަދަބު ދީފައިވެއެވެ. އެހެންނަމަވެސް، ޑިމޮކްރަސީގެ އުސޫލުން އެޤައުމުގެ ވެރިކަމާ އެންއެލްޑީ ޕާޓީން ހަވާލުވުމަށްފަހުވެސް މި ޤާނޫނަށް އިސްލާހު ގެނެސްފައިނުވާތީވެސް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ.
ސޫކީގެ މައްޗަށް މި ޤާނޫނުގެ ދަށުން ދައުވާ އުފުލާފައިވާއިރު، އެޤައުމުގެ ރައީސްކަމުގައި ހުރި ވިން މީންޓުގެ މައްޗަށް ވަނީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން، ކުށްވެރިވާކަމަށް ކަނޑައަޅާފައެވެ.
މިޔަންމާގައި އަސްކަރިއްޔާ އިން އެޤައުމުގެ ވެރިން ހައްޔަރުކޮށް، ވެރިކަމާ ހަވާލުވެފައިވަނީ ހޯމަ ދުވަހުއެވެ. މިއީ ބަޣާވާތެއްކަމަށް ދުނިޔޭގެ އެންމެ ބޮޑު ހަތް އިޤުތިސާދު ތަމްސީލު ކުރާ ގްރޫޕުން ބުނެފައިވެއެވެ.
ސޫކީއަށް ނޯބެލް ސުލްޙައިގެ އިނާމު ލިބިފައިވާ މީހެއްކަމުގައިވިޔަސް، އެއީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ނެތިކޮށްލުމަށް، އަސްކަރިއްޔާ ބޭނުންކޮށްގެން މަސައްކަތްކުރުމުގެ އަޑީގައި ހުރި އެކަކުކަން ފާހަގަކޮށްލެވެއެވެ.




