އިކްރާމް

އިކުރާމުގެ ޗެޓްލޮގްތައްކަމަށް ބުނާ ސްކްރީންޝޮޓްތަކެއް!

މޯލްޑިވްސް ގޭސްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި އަލީ އިކްރާމް، އެކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ކޮށްފައިވާ މެސެޖުތަކެއްކަމަށް ބުނާ މެސެޖުތަކެއްގެ ސްކްރީންޝޮޓްތަކެއް އާއްމުވެއްޖެއެވެ. ވައިބަރ އިން ކޮށްފައިވާކަމަށް ބެލެވޭ މި ސްކްރީންޝޮޓްތައް ލީކުކޮށްލާފައިވަނީ ފޭސްބުކް ޕޭޖަކުންނެވެ.

2020 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި މި މެސެޖުތައް ކޮށްފައިވާކަމަށް ބެލެވޭއިރު، ބައެއް ބޭއަދަބީ ވާހަކަތައް ދައްކާ އެފަދަ ބައެއް ފޮޓޯތައް ފޮނުވާފައިވާކަންވެސް ފެނެއެވެ.

އާއްމުވެފައިވާ ޗެޓްލޮގްތަކުން ފެންނަ ގޮތުގައި އިކްރާމް ކަމަށް ބެލެވޭ މީހާ ވަނީ އަންހެން ކުއްޖާގެ ގައިގައި ބައްދާލުމަށް އެދިފައެވެ. އަދި އެއީ އެހާ ބޮޑުކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. މި ޗެޓްލޮގްގައި ދެން ވާހަކަ ދައްކާފައިވާކަމަށް ބެލެވޭ އަންހެން ކުއްޖާވަނީ، އިކްރާމް ކަމަށް ބެލެވޭ މީހާ އެދޭ އެއްވެސް ކަމެއް ކުރެވެން ނެތްކަމަށް ބުނެފައެވެ. އަދި އެއީ އެކުއްޖާ ކައިވެނި ކުރާ މީހަކަށް ހުރި ކަންތައްތައްކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ބައެއް އާއްމު ތަންތަނުން މި އަންހެން ކުއްޖާ ފެނުމުން އެކަންކަމާ ސުވާލުކޮށް، އެކަންކަމާ ބެހޭގޮތުންވެސް ޗެޓްލޮގުގައި ވާހަކަ ދައްކާފައިވެއެވެ.

މި ޗެޓްލޮގުތަކަކީ އިކްރާމް ކަމަށް ބެލެވޭ މީހެއްގެ ޗެޓްލޮގުތަކެއްކަމުގައިވާއިރު، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން، އެސްޓީއޯ އިން ދަނީ އިކްރާމުގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ތަހުގީގު ކުރަމުން ދަނީ އަންހެން މުވައްޒަފަކަށް ބޭއަދަބީ ފޮޓޯ އާއި މެސެޖު ފޮނުވުމާއި، އަންހެން މުވައްޒަފެއްގެ ސިފައާ ގުޅިގެން ބޭއަދަބީ ކޮމެންޓު ކުރުމުގެ މައްސަލައެކެވެ. މިކަމާ ގުޅިގެން އޭނާ މި ވަގުތު ހުރީވެސް ސަސްޕެންޝަންގައެވެ.

މޯލްޑިވްސް ގޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ