މުނައްވަރު

ނުދައްކާ ވާހަކަތަކަކާ ގުޅިގެން ހައްޔަރުކުރި އިންޑިޔާގެ މުސްލިމް ކޮމީޑިއަން ދޫކޮށްލައިފި

ނުދައްކާ ވާހަކަތަކަކާ ގުޅިގެން ހައްޔަރުކުރި އިންޑިޔާގެ ސްޓޭންޑް-އަޕް ކޮމީޑިއަން، މުނައްވަރު ފާރޫޤީ، ކަފާލާތުގެ ދަށުން މިނިވަންކޮށްފިއެވެ. މުނައްވަރު މިނިވަން ކޮށްފައިވަނީ ޖަލުގައި މަހަކަށްވުރެ ގިނަ ދުވަސް ހޭދަކުރި ފަހުންނެވެ.

މި އަހަރިގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު މުނައްވަރު ހައްޔަރުކޮށްފައިވަނީ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ފަރާތެއްގެ ދަރިއަކު، ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ހިންދޫ އިންގެ ބައެއް އަސްލުތަކަށާއި އެޤައުމުގެ ބާރުގަދަ ހޯމް މިނިސްޓަރު، އަމިތު ޝާހު އަށް މުނައްވަރު ޖޯކު ޖަހަފައިވާކަމަށެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިންޑިޔާގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މުނައްވަރު ހައްޔަރުކޮށްފައިވަނީ މަދިޔާ ޕްރަދޭޝްގެ އިންޑޯރުގެ ކެފޭ އެއްގެ ތެރެއިންނެވެ. ހައްޔަރުކޮށްފައިވަނީ އެކެފޭގެ ތެރޭގައި ކޮމެޑީ ޝޯވ އެއް ދިނުމަށް ތައްޔާރުވަމުންދަނިކޮށެވެ. އެއްވެސް ޖޯކެއް ނުޖަހަނީސް އަދި އެއްވެސް ވާހަކައެއް ނުދައްކަނީސް ފުލުހުން ވަނީ އެރޭ އޭނާ ހައްޔަރުކޮށްފައެވެ.

"އޭނާ އެއްވެސް ޖޯކެއް ނުޖަހަނީސް، އެ ޝޯވ ނުފަށަނީސް ފުލުހުން އައިސް އޭނާ ދަމާފައޮ ގެންދިޔައީ." މުނައްވަރުގެ ވަކީލު، އަންޝުމަން ޝްރިވަސްތަވާ ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިން އިންޑޯރުގެ ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ ކޮމެޑީ ޝޯވގެ ތެރެއިން މުނައްވަރު ހިންދޫ އިންނަށް މަލާމާތްކޮށްފައިވާކަމުގައެވެ. އެހެންނަމަވެސްމ ފަހުން ބުނެފައިވަނީ އޭނާ އެޝޯވގެ ތެރެއިން އެފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމަށާއި އެހެންނަމަވެސް ހައްޔަރުކުރީ އެފަދަ ވާހަކައެއް "ދައްކަފާނެ" ކަމަށްޓަކައެވެ.

މުނައްވަރު ދޫކޮށްލުމަށް މިއަދު ހުކުމް ކޮށްފައިވަނީ އިންޑިޔާގެ ސުޕްރީމް ކޯޓުންނެވެ. ދަށުގެ ކޯޓުގެ ތިން މަރުހަލާއިންވެސް މުނައްވަރު ދޫކޮށްލަން ނިންމާފައިނުވިނަމަވެސް ސުޕްރީމް ކޯޓުން ބުނެފައިވަނީ މުނައްވަރާ ދެކޮޅަށް ހުރީ ބަލިކަށި ތުހުމަތުތަކެއްކަމަށެވެ.

އިންޑިޔާ އަކީ ހަރުކަށި ހިންދޫ ޤައުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރަމުން އަންނައިރު، މިފަދަ މައްސަލައެއްގައި އެމޭޒޮން ޕްރައިމްގެ ވެބްސީރީޒްއެއްގެ ޕްރޮޑިއުސަރުންތަކެއްވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ