"ބަޣާވާތާ" ދެކޮޅަށް މިޔަންމާގެ މުޒާހަރާތަކެއް

މިޔަންމާގެ އަސްކަރިއްޔާއިން ކުރި "ބަޣާވާތާ" ދެކޮޅަށް އެޤައުމުގެ ވެރިރަށް ޔާންގޮންގެ މަގުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރަމުން އެބަދެއެވެ. ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުމެ، އަންގ ސަން ސޫކީ ދޫކޮށްލުމަށްވެސް ދަނީ ގޮވާލަމުންނެވެ.

އަސްކަރީ ވެރިކަމަކާ ދެކޮޅުކަމަށާއި އަދި ޑިމޮކްރަސީގެ އުސޫލުތައް އިޔާދަކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލަމުންދާއިރު، ސޫކީގެ އިތުރުން ދެންވެސް ހައްޔަރުކުރި އެޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

ބައެއް މީޑިޔާތަކުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިޔޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅުމަށް ފުލުހުން މަސައްކަތްކޮށްފައިވެއެވެ. ހަމައެހެންމެ، މުޒާހަރާތަކަށް މީހުން އައުން ކޮންޓްރޯލްކުރުމަށްޓަކައި އެޤައުމުގައި ވަނީ މީސްމީޑިޔާގެ ޚިދުމަތްތައް ކަނޑާލާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފޭސްބުކަށް ނުވަދެވޭ ގޮތަށް ހެދިކަމުގައިވިޔަސް، ފަހުން އިންސްޓަގްރަމް އަދި ޓްވިޓަރ އަށް ނުވަދެވޭގޮތް ވަނީ ހަދާފައެވެ. މިކަންކަން ކުރުމަށް އަސްކަރިއްޔާ އިން ވަނީ ޓެލެކޮމް ކުންފުނިތަކަށް އަމުރުކޮށްފައެވެ.

މިޔަންމާ ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް ވެރިކަމަށް އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް ސީނިޔަރ ޖެނެރަލް މިންގ އޮންގ ލައިންގ ވެރިކަމާ ހަވާލުވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާ ވެރިކަމާ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބުގައި ސޫކީގެ އެންއެލްޑީ ޕާޓީން އޮޅުވާލާފައިވާކަމަށް ބުނެއެވެ. އެހެންނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިކަން ދޮގުކުރެއެވެ.

އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް ނެގުމަށްފަހު އެއް އަހަރު ދުވަހުގެ މުއްދަތަށްވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައެވެ. އަދި އައު އިންތިޚާބަކަށްފަހު އިންތިޚާބުވާ ސަރުކާރަކާ ބާރުތައް ހަވާލުކުރާނެކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މިކަން ކުރާނީ ކޮން އިރަކުންކަން ހާމަކޮށްފައިނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ