ކޮވިޑް-19 ގެ ހާލަތުގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމާއި ބެހޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އިންތިޙާބު ބޭއްވުމާއިމެދު މިހަފްތާ ގޮތެއް ނިންމާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަން ކޮމިޝަނުން މިހެން ވިދާޅުވެފައިވަނީ އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާކަފައިވާ އުސޫލާ މެދު މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވި އިލެކްޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބޭއްވުމާއިމެދު ގޮތެއް ނިންމުމުގައި ކޮމިޝަންގެ މެންބަރުންގެ އެއްވެސް މަސްލަހަތެއް ނެތްކަމަށާއި އަދި އެއްވެސް ނުފޫޒެއްނެތްކަމުގައެވެ.
މިއަދުގެ ބައްދަލުވުމުގައިވެސް ސިޔާސީ ޕާޓީތަކުން ކުރިންވެސް ފާޅުކޮއްފައިވާ ގިނަ ކަންބޮޑުވުންތަކެއް ތަކުރާރުކުރެއްވިއެވެ. މިގޮތުން ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމަށްހުރި ގޮންޖެހުންތައް ފާހަގަކޮށް، އިންތިޚާބާއި މެދު ކޮމިޝަނުން އަވަސް ނިންމުމެއް ނިންމުނަށް އެދުނެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ މަސައްކަތްތައް މިހާރު ކޮމިޝަންއިން ފަށާފައިވާއިރު، ކެނޑިޑޭޓުން ނަން އަނބުރާ ނެގުމުގެ ފުރުސަތު މިމަހުގެ 11 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އަންނަ މަހުގެ 2 ވަނަ ދުވަހު ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނެކަމަށް މިއަދު ކޮމިޝަންގެ ރައީސް ވަނީ ހާމަކޮށްފައެވެ.
މިހާރު އިލެކްޝަން ކޮމިޝަން އިން ނިންމާފައިވަނީ އޭޕްރިލް10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށްކަމުގައި ވިޔަސް، އެޗްޕީއޭ އިން އުސޫލު އާންމުކުރުމާއި އެކު އެ ތާރީހުގައި އިންތިޚާބު ބާއްވަން ދަތިވާނެ ކަމަށް ވިދާޅުވެ، އެދަތިތައް ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާނެ ކަމަށް ކޮމިޝަންއިން މީގެކުރިން ހާމަކުރައްވާފައިވެއެވެ.



