ފޮޓޯ: ދަ އެޑިޝަން

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން ކަމަށް ބުނުމުން މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި

ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިންގް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވިސްނަވާ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ، ކައުންސިލްތަކުން އެ ރަށެއްގެ ބިން ވިއްކައިގެން ލިބޭ ލާރިން، އެ ލާރި އެއީ ސީޑް މަނީގެ ގޮތުގައި ބޭނުން ކޮށްްގެން، ބޭންކަކަށް ލޯނަަކަށް ދާން ވިޔަސް އިކުއިޓީގެ ގޮތުގައި ބޭނުންކުރެވޭނޭ،" އަސްލަމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް އިންސާނީ ހައްގެއްކަމަށާއި އެ ހައްގު ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

"މިކަމަކީ ހަމައެކަނި ވިޔަފާރި އުސޫލުން ކުރެވޭ ކަމަކަށް ސަރުކާރުން ދެކޭނަމަ، އެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮއެދޭ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ނުދެކޭނެ." މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ