ޗެނަލް13 ގެ ކެމެރާމަން މުހައްމަދު ޝަހީމް

އިހްތިޖާޖު ކަވަރު ކުރަމުންދިޔަ ނޫސްވެރިއާއަށް އަނިޔާކުރުން ކުށްވެރި ކުރަން: އިދިކޮޅު

ސުލްހަވެރި އިހްތިޖާޖް ކަވަރު ކުރަމުންދިޔަ ޗެނަލް13އިގެ ކެމެރާމަނަށް އަނިޔާކުރުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖް ކަވަރު ކުރަމުންދިޔަ ޗެނަލް13އިގެ ކެމެރާމަން މުހައްމަދު ޝަހީމަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބި އޭނާވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ކަމަށެވެ.

"އިހުތިޖާޖުގެ ތެރެއިން މުހައްމަދު ޝަހީމަށް ފުލުހުން ކޮށްފައިވާ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި ޝަހީމްއަށް އަވަސް ޝިފާއަކަށް އެދެމެވެ." އިދިކޮޅު ކޯލިޝަނުގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން، މުޒާހަރާތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްޔިތުންނާއި ހަމައަށް އެ މަންޒަރުތަކާއި އަޑުތައް ގެނެސްދިނުމަށްޓަކައި މިނިވަންކަމާއެކު އެ އޮންނަ އުސޫލުގެ ތެރެއިން ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދޭންޖެހޭނެ ކަމަށާއި އަދި އެކަމުގައި ނޫސްވެރިންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭ ގޮތަށް ފުލުހުންގެ އަމަލުތައް ބެހެއްޓުމަށްވެސް އިދިކޮޅުގެ ނޫސްބަޔާނުގައިވަނީ ގޮވާލައިފައެވެ.

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ކުރަން ފަށައިފައިވާއިރު ފުލުހުންގެ ފަރާތުން ޕޮލިސް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް މިރޭ ވިދާޅުވީ މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތައް އިތުރަށް ކުރިއަށް ގެންދާނަމަ މުޒާހަރާގެ ބައިވެރިންގެ މައްޗަށް ޤާނޫނުލްއުޢޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ