ފެބްރުއަރީމަހުގެ ނިޔަލަށް ރާއްޖެއަށް އެއްލައްކަ އައްޑިހަހާށްވުރެ ގިނަ ފަތުރުވެރިން!

މިއަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް އެއްލައްކަ އައްޑިހަހާށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ރާއްޖެއަށް 188،984 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

މިތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެގޮތުން މިއަހަރު މިހާތަނަށް އިންޑިއާގެ 44،039 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ދެވަނާގައި އޮތް ރަޝިއާއިން 40،698 ފަތުރުވެރިޔަކުވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔޫކްރެއިންއިންނެވެ. އެގޮތުން ޔޫކުރެއިނުން 12،549 ފަތުރުވެރިންވަނީ މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

2021 ވަނައަހަރު ފެށުނު ފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރާތްކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5268 ފަތުރުވެރިޔަކުވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޮޑަރު އަލުން ހުޅުވާލިފަހުން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. ހަމައެއާއެކު ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަންވެސް އިތުރުވެފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު، ރިޒޯޓްތަކާއި މެރީނާ ހިމެނޭގޮތަށް ރާއްޖޭގައި 147 ތަނެއް އޮޕަރޭޓް ކުރަމުން އެބަދެއެވެ. އަދި 11 ހޮޓަލާއި 140 ސަފާރީގެ އިތުރުން 359 ގެެސްޓްހައުސް މިހާރު ރާއްޖޭގައި ޓުއަރިސްޓުންނަށްޓަކައި އޮޕަރޭޓްކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގައި ޓުއަރިސްޓުންނަށްޓަކައި ޖުމްލަ 44،859 އެނދު މިހާރު އޮޕަރޭޓް ކުރަމުންދެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ