މިޔަންމާގެ އަސްކަރިއްޔާއިން ހިނގާ ޔޫޓިއުބް ފަސް ޗެނަލް އެ ކުންފުނިން ފޮހެލައިފިއެވެ.
ޔޫޓިއުބުން މިޔަންމާގެ އަސްކަރިއްޔާއާއި ދެކޮޅަށް މި ފިޔަވަޅު އަޅައިފައި މިވަނީ މިޔަންމާގެ ސަރުކާރު އަސްކަރީ ބަގާވާތެއް ގެނެސް ވައްޓާލައި އެގައުމުގައި ހިނގާ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.
ޔޫޓިއުބުން އެ ފިޔަވަޅު އަޅައިފައިވާކަން މިއަދު ހާމަކޮށްފައިވާއިރު މީސްމީޑިއާގެ މަޝްހޫރު ވެބްސައިޓުތަކުންވެސް އައްނަނީ މިޔަންމާގެ އަސްކަރިއްޔާ އަށް ނިސްބަތްވާ އެކައުންޓުތަކާއި ދެކޮޅަށް މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.
މިދިޔަމަހު ގެނެވުނު އަސްކަރީ ބަގާވާތެއްގައި މިޔަންމާގެ ސަރުކާރު ވައްޓާލައިފައިވާއިރު މިކަމާއި ދެކޮޅު ހެދުމުގެ ގޮތުން މިޔަންމާގައި އެގައުމުގެ ރައްޔިތުން އައްނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކޮންޓުރޯލް ކުރުމަށް އަސްކަރިއްޔާއިން ބަޑި ޖެހުމުގެ ސަބަބުން މިހާތަނަށް 55 މީހުންވަނީ މަރުވެފައެވެ.
ޔޫޓިއުބުން ފޮހެލި މިޔަންމާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ޗެނަލްތަކުގެ ތެރޭގައި އެގައުމުގެ ރަސްމީ މީޑިއާ ޗެނަލްވެސް ހިމެނެއެވެ.




