ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާ

ސީލައިފްގެ ވެރިޔާ ރާއްޖެ ގެނައުން ލަސްވަނީ ލަންކާ ފުލުހުން އޭނާގެ މައްސަލައެއް ބަލާތީ: ފުލުހުން

އެކި ފަރާތްތަކުގެ އަތުން ބޮޑު ޢަދަދުތަކުން ފައިސާ ނަގާ ހައުސިންގ ޔުނިޓްތައް އަޅައިނުދީ މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ވ. ތިނަދޫ އަހުމަދު މޫސާ މުހައްމަދު ރާއްޖެ ގެނައުން ލަސްވަނީ ލަންކާ ފުލުހުން އޭނާގެ މައްސަލައެއް ބަލާތީ ކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އޭނަ އަދިވެސް ހުރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާއި އޭނާ ރާއްޖެ ގެނައުން ލަސްވަނީ އޭނައާ ގުޅޭ މައްސަލައެއް ލަންކާ ފުލުހުން ބަލަމުން އަންނާތީކަމަށެވެ. ނަމަވެސް އޭނާއާއި ގުޅޭގޮތުން ލަންކާ ފުލުހުން ބަލަމުން އަންނަނީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް ލަންކާ ފުލުހުން މީނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފްލެޓްތައްވެސް ނާޅާ އެފައިސާތަކަށް ޚިޔާނާތްތެރިވެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވްމެބަރުމަހުގައެވެ.

މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، ސީ ލައިފުން ފްލެޓްތަކަށް އެތައް ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ފްލެޓް އެޅުމުގެ މަސައްކަތެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ