ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާ

14 މިލިއަނަށް ވުރެ ގިނަ ފައިސާއާއެކު ފިލި ސީލައިފް އަންމަޓީ ހައްޔަރުކޮށްފި

ހުޅުމާލޭގައި ސީލައިފް ކޮމްޕްލެކްސް އިން އިމާރާތް ކުރާނެ ކަމަށް އިއުލާނުކޮށް މައުލޫމާތު އާންމުކުރި އެޕާޓްމެންޓްތައް ގަތުމަށް އާންމުންގެ އަތުން 14 މިލިއަނަށް ވުރެ ގިނަ ފައިސާ ނެގި އެ ކުންފުނީގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ޙައްޔަރުކޮށްފިއެވެ.

އޭނާ ޙައްޔަރުކޮށްފައިވަނީ އަވައްޓެރި ސްރީލަންކާއިންނެވެ. އިންޓަޕޯލް ރެޑްނޯޓިސްވެސް ނެރެފައިވާ އަންމަޓީ ހައްޔަރުކޮށްފައިވާކަން މިހާތަނަށް ސަރުކާރުގެ އެއްވސް އިދާރާއަކުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭގޮތުގައި އަންމަޓީ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ހުޅުމާލޭގައި ހައުސިން ޔުނިޓްތައް އެޅުމަށް ސީލައިފަށް ހަވާލުކުރުމުން އެ ކުންފުނިން ވަނީ ފްލެޓްތައް ވިއްކުމަށްކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައެވެ.

އެގޮތުން ސީލައިފުން ފްލެޓު އަޅަން އިއުލާނުކުރި މަޝްރޫއާއެކު ފްލެޓު ގަތުމަށް 280 އަށްވުރެ ގިނަ މީހުން، ބުކިން ފީގެ ގޮތުގައި މީހަކު 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ދައްކާފައެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެއެވެ.

މިމައްސަލަ ކުރިއަށް ދަނިކޮށް، ސީލައިފްއެކު މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހަދާފަ އެވެ. މި އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދައްކަން ނިންމިއެވެ.

މިފަރާތަކަށް ބަދަލުގެ ގޮތުގައި ދޫކުރާނީ އެ ފަރާތަކުން ސީލައިފަށް ދައްކާފައިވާ ފައިސާއާއި އެއްވަރުގެ އަދަދެކެވެ. އަދި އެފަރާތްތަކަށް ބަދަލު ދެނީ ސީލައިފުން އެޗްޑީސީގައި ބަހައްޓާފައިވާ ޕާފޯމަންސް ގެރެންޓީ ފައިސާއިން ކަމަށްވެސް ސަރުކާރުންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އެޗްޑީސީން ވިދާޅުވީ ސީ ލައިފްގެ މައްސަލައިގައި ސަރުކާރާއި އެޗްޑީސީގެ އިހުމާލެއް ނެތް ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާތީ އިންސާފު ހޯދައިދޭން އެއްބަސްވުމެއް ހެއްދެވީ ކަމަށެވެ.

މިމައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސްވެސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

3000 ފްލެޓް އެޅުމަށް ސީލައިފާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ