އދ. މާމިގިލީގައި ހުޅުވާ ވިލާ ފްލައިން ސްކޫލަށް ބޭނުންވާ އިންސްޓްރަކްޓަރުން ހޯދަން ވިލާ ކޮލެޖުން އިއުލާންކޮށްފިއެވެ.
އެގޮތުން ވިލާ ކޮލެޖުން ކޮށްފައި ވާ އިޢުލާނުގައި ވަނީ ގިނަ ދާއިރާތަކަކުން އިންސްޓްރަކްޓަރުން ހޯދުމަށް އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހެޑް އޮފް ޓްރެއިނިންއާއި، ޗީފް ފްލައިޓް އިންސްޓްރަކްޓާއައި، ޗީފް ތިއޮރޮޓިކަލް ނޮލެޖް އިންސްޓްރަކްޓާއާއި، ގްރައުންޑް އިންސްޓްރަކްޓާގެ އިތުރުން ފްލައިޓް އިންސްޓްރަކްޓާވެސް ހޯދުމަށް ވަނީ އިޢުލާނުކޮށްފައެވެ.
މި ދާއިރާތަކަށް ކުރިމަތިލާ ފަރާތްތަކުން އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް (އޭޓީޕީ) އާއި އެމްސީސީއޭގެ އިންސްޓްރަކްޓާ ރޭޓިން އަދި މަލްޓި އެންޖިން ރޭޓިން ލިބިފައިވާ މީހުންނަށް ވާނެކަމުގައި އެ ކޮލެޖުން ވަނީ ބުނެފައެވެ.
ވިލާ ކޮލެޖުން އިޢުލާނުކޮށްފައިވާ މި މަޤާމްތަކަށް ބޭރުމީހުންނަށްވެސް ކުރިމަތިލުމުގެ ފުރުޞަތު އޮތް ނަމަވެސް ދިވެހިންނަށް އިސްކަންދޭނެ ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ.
ވިލާ ފްލައިން ސްކޫލަކީ ވިލާ އެއާއާއި ވިލާ ކޮލެޖު ގުޅިގެން ހުޅުވާ ފްލައިން ސްކޫލެކެވެ.




