މަސްވެރިކަމާއި ޓޫރިޒަމް ޕްރޮމޯޓް ކުރަން މަގުފަހިކޮށްދީފިއްޔާ އުފަލާއެކު އެކަން ކުރާނެ ކަމަށް "ޒުވާން މަސްވެރިޔާ" ގެ ނަމުން އާއްމު ވެފައިވާ ސާޖިން ބުނުމާއެކު މަސްވެރިކަމާއި ޓޫރިޒަމަކީ ގުޅި ލާމެހިފައިވާ އެއްޗެއް ކަމަށް ބުނެފައިވާ، ސްޕޯޓްސް ފިޝިންގ ގެ ދާއިރާގައި އަދި ޓޫރިޒަމް އިންޑަސްޓްރީގައި 18 އަހަރު ދުވަހު މެދުނުކެނޑި ޚިދުމަތްކޮށްފައިވާ އަދި މިހާރުވެސް އެ ދާއިރާގައި ދެމިހުރި މަސްވެރިޔާ މުޙައްމަދު އަލްމާސް، އާއްމުކޮށް މީހުން ކިޔާ އުޅޭ ގޮތުން ނަމަ "އަލްމަސްވެރިޔާ" ބުނެފިއެވެ.
އަލްމާސް ބުނެފައިވަނީ ސްޕޯޓްސް ފިޝިންގ އަކީ ދުނިޔޭގެ ނިސްބަތުންވެސް ބިލިއަން ޑޮލަރުގެ އިންޑަސްޓަރީއަކަށްވުމުންނާއި، އެމެރިކާ ފަދަ ޤައުމުތަކުގެ އެކި ސްޓޭޓްތަކުން ބިލިއަނުން އިންވެސްޓް ކުރަމުންދާކަމަށެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ހުދު ދޮންވެލީގެ ގޮނޑުދޮއްތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތައް އެކަނި ބަލައިލަން މީގެ ކުރިން އަންނަމުން އައި ޓޫރިޒަމްގެ ބާވަތް މަޑުމަޑުން ބަދަލުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށާއި އެކަމުގެ މައިގަނޑު ސަބަބަކަށް މިހާރު ވެފައި މިވަނީ މަސްވެރިކަން ކަމަށެވެ. އެގޮތުން ޓޫރިސްޓަކު ސްޕޯސްޓް ފިޝިން އެއީ އޭނާގެ މައިގަނޑު ބޭނުންކަމަށް ހަދައިގެން ރާއްޖެ އައިސް، ގެސްޓްހައުސަކަށް ނަމަ 7 ދުވަހުގެ ދަތުރަކަށް މަދުވެގެން ހަތް ހާސް ޑޮލަރު ހޭދަކުރާއިރު ރިސޯޓުތަކަށް އަންނަ މިފަދަ ޓޫރިސްޓުން މި މުއްދަތަށް ހަމައެކަނި މަސްވެރިކަމަށް މަދުވެގެން ދުވާލަކަށް ހަތަރުހާހާއި ފަސްހާހާއި ދެމެދުގެ ޢަދަދަކަށް ހޭދަކުރޭ. މިއީ ލަގްޒަރީ ރިސޯޓެއްނަމަ ރޭޓިންގ ހުންނަ ވަރު. މިޑްލް ކްލާސް ރިސޯޓެއްގައި ނަމަ ހަމައެކަނި މަސްދަތުރަށް އަށްހާހާއި ނުވަހާސް ޑޮލަރުގެ ޢަދަދެއް އެބަ ޚަރަދުކުރޭ. މީގެ އިތުރުން މަހަށް ގޮސް އުޅޭ އިރު މަސްބޭނުމުގައި މުޅީންވެސް މި ބޭނުންކުރަނީ ސަސްޓޭނަބަލް ގޮތްތައްކަމަށްވެފައި އެކަމުގެ މަޢުލޫމާތާއި، ކަނޑުގެ ދިރުމަށް ރައްކައުތެރިވެ ހިމާޔަތްކުރާނެ ގޮތާއި ރާއްޖޭގައި ކުރާ ތަފާތު މަސްވެރިކަމާ ގުޅޭ މަޢުލޫމާތު އަދި ތަފާތު މަސްމަހުގެ މަޢުލޫމާތު އެމީހުނާ ޙިއްޞާކުރެއެވެ.
އަލްމާސް ފާހަގަކޮށްފައިވަނީ ސްޕޯސްޓް ފިޝިންއޭ ބުނުމުން މީހުނަށް ދޭހަވާގޮތުގައި އެއީ މަސްބާނަފަ ދޫކުރުން ނުވަތަ މަޖަލަށް މަސްބޭނުންކަމަށެވެ. އެހެންނަމަވެސް މިކަމަކީ ދެގޮތަށް ކުރާ ކަމެއް ކަމަށާއި، މިއީ ފައިސާ ދީގެން އެމީހަކު ބޭނުން ވަކި މަހެއް ބާނާފަ އޭތި ދޫކޮށްލުން ނުވަތަ އެ މަހެއް ކެއުމަށްޓަކައި ބޭނުންކުރުމެވެ. އެއްގޮތަކަށްވެސް އިސްރާފުކުރުމަކީ ސްޕޯޓްސް ފިޝިންގައި ކުރާ ކަމެއް ނޫންކަންވެސް ފާހަގަކުރިއެވެ. އަދި މުބާރާތެއްގެ ގޮތުގައި ކުރިނަމަވެސް އިސްރާފު ނުހިމެނޭކަން ފާހަގަކުރިއެވެ.
އަލްމާސް ބުނާގޮތުން އޭނާގެ ބޭނުމަކީ ވަކި ބާވަތެއްގެ މަސްވެރިކަން ޕްރޮމޯޓް ކުރުމުގެ ބަދަލުގައި ރާއްޖޭގައި މިކުރާ ހުރިހާ މަސްވެރިކަމަކަށްވެސް ހަމަހަމަ ފުރުޞަތު ތަކެއް ލިބިގެން މިހާރު ކުރިމަތިވަމުންދާ ދަތި އުނދަގޫތަކުން އަރައިގަނެވި ފަސޭހަކަމާއެކު މި ކަމުން އެންމެނަށް މަންފާ ލިބި މި މަސައްކަތް އޭގެ އެންމެ ހެޔޮގޮތުގައި ކުރިއަރުވައި، ކުރެވޭނޭ އިންތިޒާމުތައް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ތަނަވަސްވެގެން ދިޔުމެވެ. ރާއްޖޭގައި އިހުގައި ޓޫރިޒަމް ކުރިއަށް ގެންދިޔަ ގޮތާއި މިހާރު ކުރިޔަށްދާގޮތާއި ތަފާތު ކަމަށް އޭނާ ފާހަގަކުރަމުން ބުނީ، މޫދު ކުޅިވަރަކީ މީގެ ކުރީގައި ވަރަށް މާކެޓް އޮތް ކަމަކަށް ވީނަމަވެސް، ސްޕޯޓްސް ފިޝިން ކުރިއަރަމުން ދާން ފެށުމުން މިކަމަށް ހުރި ފޯރި މާ ބޮޑުކަމަށް ފާހަގަވާ ކަމަށާއި ޓޫރިސްޓުން މަސްވެރިކަމަށް ދަތުރު ޗާޓަރ ކުރަމުން ދަނީ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު ދުރާލާ ހޯދައި އަދި އެކަމަށް ޕްރޮޕޯޒަލްވެސް ތައްޔާރުކުރަންޖެހޭ ފަހަރު އެކަންވެސް ކޮށްގެން ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ. އެގޮތުން ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުންވޭ އެކި ފަންތީގެ ޓޫރިސްޓުންވެސް މިކަމަށް ޝައުޤުވެރިވެ އެމީހުންގެ ޗުއްޓީ މިކަމަށް ޚާއްޞަ ކުރާކަން. އަދި މިލިއަނަޔަރ ޓޫރިސްޓަކު ނަމަ އޭނާގެ ދަތުރު ފެށުމުގެ މާ ކުރިން އޭނާގެ ޔޮޓު ރާއްޖެ ފޮނުވައި އެތައް ދުވަހެއް އެކަމަށް ތައްޔާރުވާން އެބަ ފަށާ. މިހިރަ މިހިރަ ކަންކަމަކީ ރާއްޖޭގެ ސިނާއަތަށް ކުރާ ފައިދާ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެކި އުމުރުފުރާގެ މީހުނަށް މަސްވެރިކަން އިސްތިހާރުކުރުމުގެ ފުރުޞަތު ތަނަވަސްވާންޖެހޭ ކަމަށް އަލްމާސް އެންމެ ބޮޑަށް ޤަބޫލުކުރާ އެއް ސަބަބަކީ ދާއިރާގައި އުޅެ ދާއިރާގެ ތަޖުރިބާއަކީ ވަރަށް ބޭނުންތެރި އެއްޗަކަށްވާތީއެވެ. ޓޫރިސްޓަކު ބޭނުންވާނެ ކަންކަމާއި، އެ ދާއިރާއިން ރާއްޖެއަށް އިސްތިހާރުކުރުމަށް އެންމެ ރަނގަޅު ޚިޔާލުތަކާއި ގޮތްތައް މަސްވެރިކަން ކުރާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުނަށް ބޮޑަށް އެނގޭނޭތީއެވެ. އެގޮތުން ސްޕޯޓްސް ފިޝިންގައި އުޅޭ މަސްވެރިންނަކީ ގިނަ ޢަދަދެއްގެ ޓޫރިސްޓުންނަށް މެދުނުކެނޑި ޚިދުމަތްދޭ ފަރާތްތަކަށް ވެފައި، އެކި ބާވަތުގެ މަސްވެރިކަން ކުރުމުގައި ދެމިތިބޭތީ، މިކަން ކުރުމުގެ އެންމެ ރަނގަޅު ވިސްނުން އެމީހުންގެ ކިބައިގައި ހުންނާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި މީގެ އިތުރުން ރާއްޖެއަކީ 99 ޕަސްޓް ކަނޑު އޮތް ޤައުމަކަށްވެފައި، ޓުރިޒަމް މިނިސްޓަރވެސް ވިދާޅުވެފައިވާ ފަދައިން ސްޕޯޓްސް ޓޫރިޒަމް އަމާޒަކަށް ހެއްދެވުމުގެ ވިސްނުންފުޅު ގެންގުޅުއްވާއިރު، ސްޕޯސް ފިޝިން ބައިނަލްއަޤްވާމީ ފެންވަރެއްގައި ހިންގުމާއި މުބާރާތްތައް ބޭއްވުމަށް ރާއްޖެއަށް ވުރެ ވަކި ރަނގަޅު މަންޒިލެއް ނެތް ކަމަށާއި މިއީ ރާއްޖޭގެ "ގޮލްފް" އޭ ބުނެވޭ ފެންވަރުގެ އަގުބޮޑު ސްޕޯޓަކަށް ވާނެކަމަށް ޔަޤީން ކުރަމެވެ.



