ރައްޔިތުން މަޖިލީހުގެ އިދާރާގައި ކެފޭއެއް ނޫނީ ރެސްޓޯރެންޓެއް ހިންގައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
މަޖިލީހުގައި އުފައްދާފައިވާ ސޯޝަލް ކްލަބުން ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަން ނިންމިކަން މިދިޔަ އަހަރު ޖުލައި މަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ. އަދި އޭރު ބީލަމަށް ވެސް ހުޅުވާލި އެވެ. ނަމަވެސް އެ އިއުލާން ބާތިލްކޮށް މިއަދު ވަނީ އަލުން ބީލަން ހުޅުވާލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ބީލަން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 28 ވަނަ ދުވަހު ކަމަށް އެއިދާރާއިން ބުނެއެވެ.
މަޖިލީހުގެ ރެސްޓޯރެންޓެއް ހަދަން ނިންމާފައިވަނީ މަޖިލީހުގެ އިދާރާގެ އުސް އިމާރާތުގެ ޓެރަސް ފްލޯގަ އެވެ. ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ރެސްޓޯރެންޓް ހެދުމުން މަޖިލިސް މެމްބަރުންގެ ކޮއްތު ހަރަދަށް ހިނގާ ހަރަދު ކުޑަވެގެން ދާނެ ކަމަށާއި އަދި ދާއިރާގެ ރައްޔިތުންނާއެކު މަޝްވަރާކޮށްލަން މެމްބަރުންނަށް އެ ރެސްޓޯރެންޓަށް ވަޑައިގެންނެވޭނެ ކަަމަށެވެ.




