އެމެރިކާގެ ޑިފެންސް ސެކެރެޓަރީ ލޮއިޑް އޮސްޓިން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް އަށް ވަޑައިގެންފިއެވެ.
ކުރިން އިއުލާން ކުރެއްވުމަކާ ނުލައި އޮސްޓިން އަފްގާނިސްތާނަށް ވަޑައިގެންފައިވަނީ އޭޝިއާއަށް އޮސްޓިން މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކާބުލްއަށް ވަޑައިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގާނީއާއި ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އޮސްޓިން ވިދާޅުވީ އަފްގާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓަންޖެހޭ ކަމަށެވެ. ނަމަވެސް އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލާނެ ދުވަހެއް އިއުލާން ކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރާއި ތޯލިބާން ހަނގުރާމަވެރިންނާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މެއި އެކެއްގެ ކުރިން އަފްގާނިސްތާނުން އެމެރިކާ ސިފައިން ބާލަން ޖެހެއެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މި އެއްބަސްވުމަށް އަމަލުކުރާނެކަމާއިމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.
އެމެރިކާގެ ރައީސް ކަމަށް އަލަށް އިންތިހާބުވި ޖޯ ބައިޑަން މި މައްސަލައިގައި ވިދާޅުވެފައިވަނީ އެއްބަސްވެފައިވާ ތާރީހަށް އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ބޭލުންވާނީ ދަތިކަމަކަށް ކަމަށެވެ.
އެމެރިކާގެ ޑިފެންސް ސެކެރެޓަރީގެ މި ދަތުރުފުޅު ވެގެން ގޮސްފައިވަނީ ވެރިކަން ބަދަލުވުމަށްފަހު އާ ސަރުކާރުގެ ކެބިނެޓް މިނިސްޓަރަކު އަފްގާނިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.



