ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މިއަދު ސ. ހުޅުމީދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްފާޟިލް އިލްޔާސް ލަބީބާއި، މީދޫ ދާއިރާގެ މަޖިލީސް މެމްބަރު އަލްފާޟިލާ ރޮޒޭނާ އާދަމްއާއި، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިސްމާއިލް ފައުޒީއާއި ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ހިތަދޫ މެދު ދާއިރާގެ މެމްބަރާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރާއި، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޝިފާޒު އަލީ އާއި އައްޑޫ ސިޓީގެ މޭޔަރއާއި، އެމްޕީއެލްގެ ސީއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މި މަޝްރޫއުއަކީ 68.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.





