ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބެފުޅުންގެ ދާއިރާއަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން އިއްޔެ މިގޮތަށް ނިންމަވާފައިވާއިރު، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަން އިޢުލާނު ކުރައްވާފައެވެ.
މަޖިލީހުން މި ގޮތަށް ނިންމެވުމާއި ގުޅިގެން މިފަދަ ދަތުރެއްގައި މެންބަރަކު ވަނިކޮށް ބޭއްވޭ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތަކުގެ ހާޒިރީގައި އެ މެންބަރަކު ފާހަގަ ކުރެވޭނީ ރަސްމީ ދަތުރެއްގައިވާކަމަށެވެ. އަދި އެފަދަ ދަތުރެއްގައި ހުންނަވަނިކޮށް ބާއްވާ ބައްދަލުވުމެއްގައި އޮންލައިން ކޮށް ބައިވެރިވެވަޑައިގަންނަވަން ޖެހިއްޖެނަމަ އެ އިންތިޒާމްވެސް ހަމަޖައްސަވާނީ މަޖިލީހުންނެވެ.
މަޖިލީހުން މި ގޮތަށް ނިންމުމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑެ. ޖަމީލް ވަނީ މިކަމަށް ވަރަށް ބޮޑަސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޖަމީލް ވިދާޅުވެފައި ވަނީ މެންބަރުން އަމިއްލަ ޕާޓީއާއި އާއިލާއައި ގެދޮރަށް ކުރާ ދަތުރު ޚަރަދު ނެގުމަކީ ޤާނޫނާ ޚިލާފް ކަމެއްކަމަށާއި، ވެރިކަންކުރާ ޕާޓީ ބޭނުންހާގޮތަކަށް މޮޑޭ ފުށްގަނޑަކަށް ޤާނޫނު މާނަ ނުކުރެވޭނެކަމަށެވެ.
މީގެ އިތުރުން ކޮވިޑުން ދަރަނިވެރިވެ މަގުމަތިވެފައިވާއިރު ރައްޔިތުންގެ ޖީބުން މެމްބަރުން ޚަރަދުކުރުމަކީ މުޑުދާރުކަމެއްކަމުގައިވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
މެންބަރުން ދާއިރާއަށް ކުރައްވާ ރަސްމީ ދަތުރުގެ ގޮތުގައި ބެލޭނީ މަޖިލިސް އިދާރާއަށް ލިޔުމުން ހުއްދައަށް އެދި އެ އިދާރާއިން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ.



