މާލެ ޖަލުގެ އެނެކްސް 1 އިން 13 ޤައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެނެކްސް 1 ލޮކްޑައުންކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ 24 އޭޕްރިލް 2021 ގައި އެ ސަރވިސް އިން މާލެ ޖަލުގެ އެނެކްސް 1 އިން ނެގި ސާމްޕަލްތަކުން 13 ޤައިދީއަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށާއި، އެކަމާއި ގުޅިގެން އެނެކްސް 1 ލޮކްޑައުންކުރެވިފައިވާކަމަށެވެ.
ކަރެކްޝަންސް އިން ވިދާޅުވީ ކޮވިޑް-19 އާ ބެހޭ އުޞޫލުގެ ދަށުން މާލޭ ޖަލުގައި ކަނޑައެޅިފައިވާ ފިޔަވަޅުތައް މިހާރު އަޅަމުން އަންނަކަމަށެވެ.
24 އޭޕްރިލް 2021 ގައި މި ސަރވިސްގެ މާލެ ޖަލުގެ އެނެކްސް 1 އިން ނެގި ސާމްޕަލްތަކުން 13 ޤައިދީ ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެނެކްސް 1 ލޮކްޑައުންކުރެވި، ކޮވިޑާ-19 އާ ބެހޭ އުޞޫލުގެ ދަށުން ކަނޑައެޅިފައިވާ ފިޔަވަޅުތައް ދަނީ އަޅަމުން.
— Maldives Correctional Service (@CorrectionsMv) April 25, 2021
މާލެ ޖަލުން ކޮވިޑް ފެނިފައިވާއިރު، އައްސޭރި ޖަލާއި މާފުށީ ޖަލުގެ އޮފިސަރުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވެފައެވެ.
ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް އިތުރުވެފައިވާއިރު، އަތޮޅު ތެރޭގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.
އެގޮތުން މިހާރުވެސް އަތޮޅު ތެރެއިން 18 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.
ރާއްޖޭގައި މިހާ ހިސާބަށް 27،621 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 3،307 މީހަކު މިހާރުވެސް ދަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި މިބަލީގައި ރާއްޖެއިން މިހާތަނަށް 71 މީހަކު ނިޔާވެފައިވެއެވެ.




