އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރ ޢަލީ ނިޒާރުއާއި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ ބައްދަލު ކުރައްވައިފިއެވެ.
އިންތިޚާބީ މޭޔަރ ޢަލީ ނިޒާރުއާއި ބައްދަލު ކުރައްވައި މިނިސްޓަރ ވަނީ އައްޑޫގެ ކުރިމަގާމެދު އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާއި ތަސައްވަރާމެދު މަޝްވަރާ ކުރައްވާފައެވެ. އަދި މިފަދަ މަޝްވަރާއެއް ކުރެވުމަކީ ލިބުނު އުފަލެއްކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވަނީ އިންތިޚާބުވި މޭޔަރ ނިޒާރު އައްޑޫ ސިޓީއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެންނަވާނެކަމަށް ވިދާޅުވެފައެވެ.
"ﷲގެ އިރާދަފުޅާއެކު ނިޒާރުގެ ލީޑަރޝިޕްގައި އައްޑޫއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެންވާނެ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން އައްޑޫއަށް ކުރެއްވި މި ދަތުރުފުޅަކީ އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމުކުރެވެމުންދާ ނެޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯއެންފޯސްމަން މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
Addu City ge inthikhaab vefaivaa mayor Ali Nizar aa baddhalukoh Addu ge kurimagaa medhu emanikfaanu gengulhuvvaa visnunfulhaai thasavvaraa medhu mashwara kurevumakee libunu ufaleh. Allah ge vaagifulhaaeku Nizar ge leadership ga Addu ah ithuru kurierumaa tharahqee gennavaane. pic.twitter.com/7wf9FiC0MR
— Imran Abdulla (@ShimranAb) April 26, 2021
މި ދަތުރު ފުޅުގައި މިނިސްޓަރ އިމްރާންގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ އައްޑޫގައި ގާއިމުކުރެވެމުންދާ ނެޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯއެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބުނާ ފަދަ ފުލުހުންގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަމްރީނު މަރުކަޒެއްކަމަށެވެ.
މީގެ އިތުރުން އެ ކޮލެޖު ވެގެންދާނީ ގާނޫނު ތަންފީޒުކުރުމާއި ޖިނާޢީ އަދުލުގެ އަދި އިޖުތިމާޢީ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިން ގުޅިގެން ތަމްރީނު ހިންގާ މަރުކަޒަކަށްކަމަށާއި، އަދި އައްޑޫގެ ރައްޔިތުންނަށާއި، ދަރިވަރުންނާއި އިޤުތިޞާދަށް ގިނަ ފައިދާތަކެއް ކޮށްދޭނެ ތަނަކަށް ކަމުގައިވެސް މިނިސްޓަރ އިމްރާންވިދާޅުވެފައިވެއެވެ.
އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރެވޭ މި މަރުކަޒުގެ މަސައްކަތް މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނިންމުމަށް ކުރިން ހަމަޖެހިފައިވީނަމަވެސް ދިމާވި އެކި ސަބަބުތަކާހުރެ މަސައްކަތް ނިންމައި ފުލުހުންނާއި ހަވާލުކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.



