ޖަލުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 78 ކަށް

ރާއްޖޭގެ ޖަލުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78 ކަށް އަރައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސް އިން މިއަދުގެ 16:00 އާއި ހަމައަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ޖަލުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78 ކަށްވަނީ އަރާފައެވެ. އަދި މިމީހުންގެ ތެރޭގައި އޮފިސަރުންނާއި މުވައްޒަފުންގެ އިތުރުން ޤައިދީންނާއި ބަންދު މީހުންވެސް ހިމެނެއެވެ.

އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 53 މީހެކެވެ. އަދި 97 މީހަކުވަނީ ކަރަންޓީނު ކުރެވިފައެވެ. ޤައިދީންނާއި ބަންދުގެ ތެރެއިން 25 މީހަކު ޕޮޒިޓިވްވެފައިވާއިރު، 17 މީހަކު ކަރަންޓީނު ކުރެވިފައިވާކަމަށްވެސް ކަރެކްޝަނުން މަޢުލޫމާތު ދެއެވެ.

ވަކިވަކި ޖަލުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑްގެ އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މާލޭ ޖަލުންނެވެ. އެގޮތުން އެޖަލުން 04 އޮފިސަރުންނާއި މުވައްޒަފުން އަދި 25 ޤައިދީންނާއި ބަންދު މީހުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މާލޭ ޖަލުގައި ކަރަންޓިނު ކުރެވިފައިވާ އޮފިސަރުންނާއި މުވައްޒަފުންގެ އަދަދަކީ 20 ސެވެ. އަދި 17 ޤައިދީންނާއި ބަންދު މީހުންވެސް ކަރަންޓީނު ކުރެވިފައިވާކަމަށް މިތަފާސް ހިސާބުތަކުން ދައްކައެވެ.

ޤައިދީންނާއި ބަންދު މީހުން ޕޮޒިޓިވްވެފައިވަނީ މާލޭ ޖަލުން އެކަންޏެވެ.

މާފުށީ ޖަލުން ޤައިދީންނާއި ބަންދު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ނުވިނަމަވެސް އެޖަލުގެ 31 އޮފިސަރުންނާއި މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ކަރެކްޝަނުންވަނީ ހާމަކޮށްފައެވެ. އަދި މާފުށީ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 77 މީހަކުވަނީ ކަރަންޓީނު ކުރެވިފައެވެ.

އައްސޭރި ޖަލުންވެސް ޤައިދީންނާއި ބަންދު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އެޖަލުން ޕޮޒިޓިވްވެފައިވަނީ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 18 މީހެކެވެ. އަދި ކަރަންޓީނުގައި އެކަކުވެސް ނެތެވެ.

މީގެއިތުރުން ހުޅުމާލެ ޖަލުން މިހާތަނަށް ކޮވިޑްގެ އެއްވެސް ކޭސް އެއް ފެނިފައެއް ނުވާކަން ކަރެކްޝަންގެ މިތަފާސް ހިސާބުތަކުން ދައްކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ