މާވެލް ގެ ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. މާވެލް ސިނަމެޓިކް ޔުނިވަރސްގެ ތެރެއިން ގެނެސްދޭ ވެބް ސީރީޒް، "ލޯކީ" ރިލީޒް ކުރާ ތާރީހް އަވަސް ކޮށްފިއެވެ.
މިއަހަރު ޖޫން 11 ގައި ޑީޒްނީ ޕްލަސް އިން ދައްކަން ފެށުމަށް ތާވަލްކޮށްފައި އޮތް މި ސީރީޒް ރިލީޒްކުރާ ތާރީހް މިހާރު ވަނީ ދެ ދުވަސް ކުރިއަށް ޖައްސާލައިފައެވެ. އެހެންކަމުން މިހާރު ތާވަލް ކޮށްފައި އޮތީ މި ސީރީޒް ޖޫން 9 ގައި ދެއްކުމަށެވެ.
މިކަން އިއުލާންކުރީ، މި ސީރީޒްގައި "ލޯކީ"ގެ ކެރެކްޓަރ ކުޅެދީފައިވާ އެކްޓަރު ޓޮމް ހިޑްލްސްޓަން އެވެ. މާވެލް އިން ނެރުނު ވީޑިއޯ މެސެޖަކުން ޓޮމް ވަނީ ޖޫން 9 ގައި ސީރީޒް ދައްކަން ފަށާނެކަން ކަށަވަރުކޮށްދީފައެވެ.
"ލޯކީ" އަކީ މާވެލްގެ ސުޕަހޯރޯ ފިލްމް "ތޯ" ގައި ފެނިގެންގޮސްފައިވާ އެކޓަރު ޓޮމް ހިޑްލްސްޓަން ކުޅެދީފައިވާ ކެރެކްޓަރ "ލޯކޯ" އަށް ހާއްސަކޮށްގެން ގެނެސްދޭ ވެބް ސީރީޒްއެކެވެ.
މި ސީރީޒްގައި ކިޔައިދޭނީ، މާވެލްގެ ފޭސް 3 ގެ އެންމެ ފަހު ފިލްމް "އެވެންޖާސް: އެންޑްގޭމް" އަށް ފަހު އެ ކެރެކްޓަރ އަށް ވާ ގޮތެވެ.
މާވެލް ފޭސް 4 ގެ ފިލްމް/ސީރީޒް ތަކުގެ ތެރެއިން މިހާރު ވަނީ، "ވަންޑާ ވިޝަން" އަދި "ފެލްކަން އެންޑް ދަ ވިންޓަރ ސޯލްޖާ" ދައްކާ ނިއްމާލައިފައެވެ. އަދި ދާދިފަހަކުން މާވެލް އިން ވަނީ ފޭސް 4 ގެ ފިލްމްތައް ރިލީޒްކުރާނެ ތާރީހްތައްވެސް އިއުލާންކޮށްފައެވެ.



