ބައްތި ހުރި ސަރަހައްދު ގިރާލާފައި - ފޮޓޯ: އަޙްމަދު ޢާޠިފް

ވިއްސާރައިގައި ރާއްޖޭގެ އެންމެ އުތުރަށްހުރި "ތުރާކުނު ބައްތި" ގިރާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުދައަރާ ރާއްޖެގެ އެންމެ އުތުރުގައި ޖަހާފައި ހުރި ބައްތި ހުރި ސަރަހައްދު އެއްކޮށް ގިރާލައިފިއެވެ.

ތުރާކުނުގައި ޖަހާފައި ހުންނަ މި ބައްތި އަކީ ރާއްޖޭގައި ހިކިފަސްތަނެއްގައި އެންމެ އުތުރަށް ހުންނަ ބައްތިއެވެ. ގިނަ ބައެއްގެ މެދުގައި މި ބައްތި މަޝްހޫރުވެފައި އޮންނަނީ "ތުރާކުނު ބައްތި"  ގެ ނަމުންނެވެ.

"ފެށުން ނިއުސް ޓީމުން" 2019 ވަނަ އަހަރުގެ ފަހު ކޮޅު ތުނާކުނަށް ކުރި ދަތުރެއްގައި މި ބައްތިކައިރިޔަށް ދިޔައީމެވެ. އެސަރަހައްދަކީ ވަރަށް އުސްކޮށް ގާ ގިނަ ސަރަހައްދެކެވެ. ބައްތި ހުންނަނީ މޫދާއި މާ ދުރުނޫން ހިސާބެއްގައެވެ.

މި ބައްތިއަކީ މީގެ ކުރިން އެކިފަހަރުމަތިން އާކޮށް ބަދަލުކޮށްފައިވާ ބައްތިއެކެވެ. އެގޮތުން ކުރިން މި ބައްތި ހުންނަނީ ވަރަށް ބޮޑަށް އެއްގަމުގައެވެ. އޭރު ބައްތި ހުރި ބުޑު މިހާރުވެސް އެތަނުން ފެންނަން ހުއްޓެވެ. އޭގެ ފަހުން ޖެހި ބައްތި ހުރި ތަން އިއްޔެގެ ކޮޅިގަނޑުގެ ކުރިންވެސް ވަނީ ގިރާލާ މޫދަށް ގޮސްފައެވެ. އެ ބައްތި ހުރި ބުޑުވެސް މޫދު ތެރެއިން ފެންނަން ހުރެއެވެ.

އޭގެ ފަހުން ޖެހި ބައްތި (މިހާރު ހުރި ބައްތި) ޖަހާފައި ވަނީ ގިރާލާފައިވާ ބައްތިއަށްވުރެ އެއްގަމުގައެވެ.

ބައްތިތައް ޖަހާފައިހުރި ސަރަހައްދުތައް ފާހަގަ ކުރެވިފައި - ފޮޓޯ: އަލީ ޢަބްދުއްލަޠީފް

އެރަށުން މި ނޫހާއި ވާހަކަ ދެއްކި އަޙްމަދު އާޠިފް ވިދާޅުވީ އިއްޔެ އައި ކޮޅިގަނޑުގައި އެރަށަށް އުދަ އަރާތީ ގިނަ ބަޔަކު ގޮސް ބައްތި ހުރި ސަރަހައްދު ބެލިއިރު އެސަރަހައްދު ވަނީ އެއްކޮށް ގިރާލާފައި ކަމަށެވެ.

ބައްތި ހުންނަ ސަރަހައްދަކީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ސަރަހައްދެއްކަމުން އެ ސަރަހައްދު ގިރާލާފައި ހުރިކަން ފާހަގަ ވެފައިވަނީ އިއްޔެ އެތަނަށް ދިއުމުންނެވެ.

ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ ޢަބްދުއްލަޠީފް ވިދާޅުވި ގޮތުގައި އިއްޔެ އެރަށަށް ކުރިމަތިވި ކޮޅިގަނޑަކީ މިދިޔަ 50 ހަކަށް އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ބާރުގަދަ ކޮޅިގަނޑުކަމަށެވެ.

މި ކޮޅިގަނޑާއެކު "ބައްތިކޮޅު ސަރަހައްދަށް" އިއްޔެ ދިޔަ އިރު 400 މީޓަރަށް އެއްގަމަށް އުދައަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ބައްތި ހުރި ސަރަހައްދު ގިރާލާފައި - ފޮޓޯ ޢަލީ ޢަބްދުއްލަޠީފް

މި ކޮޅިގަނޑުގައި ރަށުތެރެއަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާކަމަށާއި، އެގޮތުން ބައެއްގޭގޭގެ ފުރާޅު އެއްލާލާފައިވާއިރު، ރުއްގަސްވެސް ވެއްޓިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ޢަބްދުއްލަޠީފް ވިދާޅުވި ގޮތުގައި މި ބައްތިއަކީ ރާއްޖޭގެ އެންމެ އުތުރުގައި ބައްތިކަމަށާއި އެހެން ކަމުން އެސަރަހައްދުގައި މޮނިއުމެންޓެއް ހެދުމަށްވެސް މަޝްވަރާތައް ކުރެވުނު ކަމަށެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުވަސް ދުވަހުން އެތަނަށް ބޮޑެތި ބަދަލުތައް އަންނާތީ އެކަން އަދި ހަޤީޤަތަކަށް ނުވެ އޮތްކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ބައްތި ހުރި ސަރަހައްދު - ފޮޓޯ ޢަލީ ޢަބްދުއްލަޠީފް

ނަމަވެސް އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢާއެކު ބައްތިކޮޅު ސަރަހައްދު ހިމާޔަތް ކުރެވިގެންދާނެކަމުގައި އޭނާ ވިދާޅުވިއެވެ.

ޢަލީ ޢަބްދުއްލަޠީފް ވިދާޅުވިގޮތުގައި މި ބައްތި ބޭނުން ކުރަމުން އައިސްފައިވަނީ ރާއްޖެއިން ބޭރަށް ދަތުރު ކުރާ ބޯޓުފަހަރާއި މަސްވެރިން ނެވިގޭޝަނެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ