ޤައިދީން އަދި ބަންދު މީހުންނާ ގުޅޭ ޝަކުވާ މެއިލްއާއި ފޯނުގެ ޒަރީޔާއިން ހުށަހެޅޭނެކަމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ކޮވިޑް19 ން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގެވުމާއި ގުޅިގެން މާލެ ސަރަހައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވާފައިވާ މުއްދަތު، އަންނަ ޖޫން މަހުގެ 8 ގެ ނިޔަލަށް އިތުރުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއި ގުޅިގެން ޤައިދީންނާއި ބަންދު މީހުންނާ ގުޅޭ ޝަކުވާ އީމެއިލްގެ ޒަރިއްޔާއިންނާއި، ފޯނުގެ ޒަރިއްޔާއިން ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަމަށެވެ.
އެގޮތުން ޝަކުވާ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށެވެ. ފޯނުން ނަމަ 9421111 އާ ގުޅައި ނުވަތަ މެސެޖް ކޮށްގެންނެވެ. އަދި ފޯނުން ޝަކުވާ ހުށަހެޅެނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9 ން މެންދުރު 2 އާ ދެމެދުކަމުގައިވެސް އެމިނިސްޓްރީންވަނީ ބުނެފައެވެ.
އެމިނިސްޓްރީން އިތުރަށް ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދު މީހުންނަށް މިހާރުވެސް ޝަކުވާ ހުށަޅަމުން ގެންދާ އުޞޫލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފަހިކުރުމަށް ބޭނުންވާ އެންމެހާ ކަންކަން މިމިނިސްޓްރީން ވިލަރެސްކުރަމުން ގެންދާކަމަށާއި، އަދި ހުށަހެޅޭ ޝަކުވާތައް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއިން ބަލަމުން ގެންދާނެ ކަމަށެވެ.




