އދ. ދިގުރަށުންވެސް ނުރައްކާތެރި ކޮވިޑް-19 ފެނިއްޖެއެވެ.
އެރަށުން ކޮވިޑް-19 އަށް މިއަދު މީހަކު ޕޮޒިޓިވް ވެފައިވާއިރު، އެމީހާއަކީ ރެންޑަމްކޮށް ސާމްޕަލް ނެގި މީހެކެވެ.
އެރަށުން މުޖުތަމަޢު ތެރެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު، ހޯމް ކަރަންޓީންގައި ހުރި ދެ މީހެއްގެ އިތުރުން ފަރުވެރިޔަކުވެސް ވަނީ އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ނަމަވެސް މިއަދު އެރަށުން ޕޮޒިޓިވް ވި މީހާއަކީ އެއިން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާ މީހެއް ނޫންކަމަށާއި، އަދި އޭނާއަކީ އެހާ ފަހުން ރަށުން ބޭރަށްވެސް ގޮސްފައިވާ މީހެއް ނޫންކަން މި ނޫހަށް ވަނީ އެނގިފައެވެ.
މީގެ ކުރިންވެސް އެރަށުގައި ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. ނަމަވެސް ރަށުތެރެއިން އެއިސް އެއްވެސް ފަހަރަކު ރަށުތެރެއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ނުރައްކާތެރި ކޮވިޑް-19 ވަނީ އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށަކުން ފެނިފައެވެ. އޭގެ ތެރެއިން ގިނަ ރައްރަށުގައި މި ބަލި އަންނަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. އެގޮތުން ކޮވިޑްއާއި ގުޅިގެން ރާއްޖޭގެ 74 ރަށެއް މިވަގުތުވެސް އޮތީ މިނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.
މި ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުން އަންނައިރު، މިހާތަނަށް 150 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
މީގެ އިތުރުން 285 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މި ބައްޔަށް މިހާރުވެސް 24،867 އަށްވުރެ ގިނަ މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.




