އެމްއެންޑިއެފުން ބުނީ، ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހަށް ވެސް ރާއްޖޭގެ (ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ) ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ވިއްސާރައިގައި، ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާތީ ޚާއްޞަގޮތެއްގައި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ހަވާލުވެ ތިބި މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސް ކުރާކަމަށެވެ.
އަދި މިދިޔަ ގަދަ ވިއްސާރައިގައި ވެސް ފަޅުން ބޭރުގައި އަޅާފައިހުރި ގިނަ އަދަދެއްގެ އޮޑިފަހަރު ކަހާލައިގެން ގޮސް ފަރުމައްޗަށް ލައްގާފައިވާތީވެ މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސްވަނީ އިލްތިމާސް ކޮށްފައެވެ.
މިގޮތުން ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވާއިރު، މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ޤަވާޢިދުތަކަށް އަމަލުކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށްވެސްވަނީ އެދިފައެވެ. އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައިވެއެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، އެމްއެންޑީއެފުން އެދެނީ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް އަވަހަށް ގުޅުމަށެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވާއިރު، ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން އަންނަނީ އެކި ސަރަޙައްދުތަކަށް އެލާރޓް ނެރެމުންނެވެ. އެގޮތުން އުދަ އަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިރޭވެސްވަނީ ޔެލޯ އެލާރޓް ނެރެފައެވެ.
އުދަ އަރާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާރޓް ނެރެފި



