ޤާނޫނު ބަދަލުކުރަނީ ދީނާ ދެކޮޅު މީހުންނަށް ބަސް ބުނާ މީހުން "އުލު ބައިންދަން": ޢަލީ ޒާހިރު

އިސްލާމް ދީނާ ދެކޮޅު މީހެކޭ ބުނުމުން އަދަބުދޭން ޤާނޫނު ބަދަލުކުރުމަކީ، އިސްލާމްދީން ނިކަމެތިކުރަން ހިންގާ "ޖަރީމާއެއް" ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު މިހެން ވިދާޅުވީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، އަދި އެފަދަ ކަމެއްގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅުމާއި ގުޅިގެންނެވެ.

އެގޮތުން އަލީ ޒާހިރު ވިދާޅުވީ، އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހުންނަށް މިނިވަންކަން ފުޅާ ކުރުމަށާއި އެފަދަ މީހަކީ ދީނާ ދެކޮޅު މީހެއް ކަމަށް ބުނާ މީހާ "އުލުބައިންދަން" ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް ކަމުގައި ނޫނީ ނުދެކޭ ކަމަށެވެ.

މި އިސްލާހުގައި ބުނެފައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ވާނެކަމަށެވެ.

ހަމަ އެހެންމެ މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

މި އިސްލާހު މަޖިލީހަށް ހުށައެޅުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ ޤާނޫނަކީ ވަކި މީހެއްގެ ހިމާޔަތަށް ނުވަތަ ވަކި ބައެއްގެ ހިމާޔަތުގައި ފަހާލެވޭ ހެދުމަކަށް ވެގެން ނުވާނެކަމަށާއި، ޤާނޫނަކުން އިސްލާމް ދީނުގައިވާ މުންކަރާތަށް އިންކާރު ކުރުމުގެ ބޮޑު އަސާސަށް ހަނިކަން އަންނަ ގޮތަށް ޤާނޫނު ފަރުމާ ކުރުން ހުއްދަ ނުވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ